އެމްޑަބްލިޔުއެސްސީން އދ. ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނެފައިވަނީ، ފެނުގެ ނިޒާމްގައި ހިމެނޭ 4.91 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި، އާރ.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.
ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ. ހަމަ އެއާއިއެކު، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ގޭގެއަށް ފެންމީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި, ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއަކީ 21.65 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.