ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއް ގާއިމްކޮށްފިއެވެ.
ފޮތް ގުންޒަރު'ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ނިއު ސްޓާރ ސްޕޯޓްސް ކްލަބުން ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މިއީ މާފުށީގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށާއި މިތަނުގައި މަޑުކޮށްލާ ވަގުތަކީ ފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
މާފުށީ ބަނދަރު ސަރަހައްދުގައި ގާއިމްކުރެވިފައިވާ މި ފޮތް ގުންޒަރުގައި އެކި އުމުރު ފުރާތަކަށް ހާއްސަ ފޮތް ހުންނާނެކަމަށާއި އަދި ބޭރުގައި ބެންޗް ބަހައްޓައި އަދި އިންޑޯ ބައިގައި ބީން ބޭގް ވެސް ބަހައްޓާފައިވާނެ ކަމަށް މައުލޫމާތުދީފައިވެއެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ 3 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.