Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ސްޓެލްކޯގެ ހަތަރު މުވައްޒަފަކަށް ހައްޖާއި އުމުރާގެ ފުރުސަތު

ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ހަތަރު މުވައްޒަފަކަށް އުމުރާ އަދި ހައްޖުގެ ފުރުސަތު އެ ކުންފުނިން ހަމަޖައްސައިދީފިއެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން އުމުރާ އަދި ހައްޖުގެ ފުރުސަތު ލިބޭ ނަސީބުވެރިން ހޮވާ އެފަރާތްތަކަށް އެކަމުގެ ލިޔުން އަރުވާފައިވަނީ ސްޓެލްކޯގެ ފަރާތުން ހޯމަ ދުވަހުގެ ރޭ ބޭއްވި ރަމަޟާން މަސް އިހްޔާ ކުރުމަށާއި، ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ބޭއްވި ތަރާވީހުގައެވެ. މި ތަރާވީހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ބައިވެރިވެވަޑައިގެންފައިވެއެވެ.

ސްޓެލްކޯއިން މުވައްޒަފުންނަށް ދެމުންގެންދާ ހައްޖާއި، އުމްރާގެ މަތިވެރި އަޅުކަމުގެ ފުރުސަތު ލިބުނު ނަސީބުވެރިން ރޭ ހޮވާފައިވާއިރު، ގުރުއަތުނަގައިގެން ހައްޖުގެ އަޅުކަމުގެ ފުރުސަތު އަންހެން އަދި ފިރިހެން މުވައްޒަފަކަށާއި، އުމްރާގެ ފުރުސަތުވެސް އަންހެން އަދި ފިރިހެން މުވައްޒަފަކަށް ލިބިގެން ގޮސްފައިވެއެވެ. އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވިލިނގިލީ އިންޖީނުގޭގެ އަބުދުﷲ ޝަފީގާއި، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިންއަށެވެ. ހައްޖުގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރު އަދި ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދުއެވެ.

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ ކުންފުނީގެ 15 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތައް ކުރިމަތިލެވެނީ 5 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށެވެ.

މި ތަރާވީހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވަނީ ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށާއި، ކުންފުނިން ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނުކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ކުންފުނިން ފޯރުކޮށްދެމުންގެންދާ އިނާޔަތްތަކާއި، ކޮށްދެއްވަމުންގެންދަވާ ކަންކަމުގެ ބަދަލުގައި ހަމައެކަނި ބޭނުންފުޅުވަނީ ހެޔޮހިތުން، ހިނިތުންވުމާއެކު، ރައްޔިތުން އެދޭފަދަ ރަނގަޅު ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު، އެ ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރައްޔިތުން ހިދުމަތް ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވުން އެއީ މަގްސަދު ހާސިލްވުން ކަމަށް ވިދާޅުވިއެވެ.