Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ދިފާއީ އެއްބާރުލުމަކީ ރާއްޖެއާ އިންޑިއާގެ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސު: ރައީސް

ފޮޓޯ: ރައީސް އޮފީސް

ދިފާއީގޮތުން ދޭ އެއްބާރުލުމަކީ އިންޑިއާ އަދި ރާއްޖެއާ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސު ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް، އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން މަރުހަބާ ވިދާޅުވިކަމަށެވެ. އަދި، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ދިފާއީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެވިފައިވާކަން ހާމަކުރައްވަމުން ރައީސް ސޯލިހް ވަނީ ދިފާއީގޮތުން ދޭ އެއްބާރުލުމަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސު ކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެޑްމިރަލް އާރު ހަރީ ކުމާރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މެރިޓައިން ސޭފްޓީ ހަރަކާތްތަކާއި، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ އެކްސަރސައިޒްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ހިމެނޭހެން ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި ދިފާއީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.