އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީއަކީ "ބިރިޔާނި މަލާފަތެއް" ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސައީދު އިންޑިއާގެ ކްރެޑިޓް ލައިނަކީ ބޮޑު ލޯނެއް ކަމަށެވެ.
"އިންޑިއާ ސަރުކާރުން ރާއްޖެއަށް މިހާރު މިދީފައޮތް ކްރެޑިޓް ލައިނަކީ ރަނގަޅު ބިރިޔާނި މަލާފަތެއް. ސަރުކާރުގަ މިއަދު ތިބި ކޮންމެ ބަޔަކު އެމީހަކަށް އަތުޖެހުނު ދިމާލަކުން މި ކްރެޑިޓް ލައިނެއްގެ ތެރެއިން ފައިސާ ގެނެސްގެން ތަރައްގީ ކުރާވާހަކަ މިދައްކަނީ. މިއީ ބޮޑު ލޯނެއް." ސައީދު ވިދާޅުވިއެވެ.
ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓަކީ ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖެއްސުމަށް ކުރަމުންގެންދާ ކަމެއްކަމަށެވެ.
އިންޑިއާގެ ކްރެޑިޓް ލައިން ވެފައިވަނީ އޭގެން ސަލާމަތް ނުވެވޭވަރުގެ އެއްޗަކަށް ކަމަށާއި، ތިލަމާލެ ބްރިޖަށް ބޮޑު ހޭދައެއް ކުރާއިރު އެ ބްރިޖްގެ ތަނބުވެސް ފެންނަން ނެތްކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ބްރިޖް އެޅޭނެކަމުގެ ޔަގީންކަމެއްވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވޯލްޑްބޭންކްގެ ރިޕޯޓްގައި ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ވާހަކަ ނެތް ކަމަށެވެ.