Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ހަގީގީ ޑިމޮކްރަސީގެ މިނިވަންކަން ގުޅެނީ އިގުތިސާދީ މިނިވަންކަމާ: ޑީން

ބަނޑޮހުގައި މިއަދު ފެށި ފޯރަމްގައި ނައިބް ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ/ ރައީސް އޮފީސް

ހަގީގީ ޑިމޮކްރަސީގެ މިނިވަންކަން ގުޅިފައި އޮންނަނީ އިޤްތިޞާދީ މިނިވަންކަމާ ކަމަށް ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ފެށި ރާއްޖޭގެ އިޤްތިޞާދީ ބިންގާ ފުޅާ ކުރުމުގެ ސިޔާސަތާ ބެހޭ މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށް ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޙަޤީޤަތުގައި އިޤްތިޞާދީ މިނިވަންކަމަކީ، ރައްޔިތުންގެ މިނިވަންކަން ކަމަށެވެ.

ޑީން ވިދާޅުވީ ޤައުމެއްގެ ރައްޔިތުންނަށް އިޤްތިޞާދީ މިނިވަންކަން ނުލިބޭހާ ހިނދަކު، ސަރުކާރުގެ ފަރާތުން އެކިއެކި ކަންތައްތައް ކޮށްދިނުމަށް ރައްޔިތުން ޖެހޭނީ ތަކުރާރުކޮށް ސަރުކާރުގައި އެދެން ކަމަށެވެ.
ަެ
އަދި ހިތާމައަކީ މިހާތަނަށް އެނގިގެން ނަމަވެސް އަދި ނޭނގި ނަމަވެސް، ޤައުމުގެ އެކިއެކި ރޭވުންތަކާއި ސިޔާސަތުތައް، އެފަދަ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ގޮތަށް ބައްޓަން ކުރެވިފައިވާކަން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ކުރިއަށް އޮތް ތާނގައި މިފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ނުކުރެވޭ ގޮތަކަށް މިއަދު އަޅުގަނޑުމެން ކަންތައްތައް ކުރަން އެބަޖެހޭ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ނައު ދާން ޖެހޭނީ އަދި އިޤްތިޞާދީ އިޞްލާޙު އަންނަން ޖެހޭނީ މުޅި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނޭ ގޮތެއްގެ މަތިން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ކަންތައްތައް ކުރަމުން ގެންދަން ޖެހޭނީ މައި ސަރުކާރުން ހުރިހާ ކަމެއް ކޮންޓްރޯލް ކުރާ އުޞޫލުން ނޫން ކަމަށެވެ. އަދި މިއަދު މަސައްކަތް ކުރަން ޖެހޭނީ، ލާމަރްކަޒީ އުޞޫލުން ކަމަށާއި، ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދޫކޮށް، އެބާރުތަކުގެ ބޭނުން ރައްޔިތުންނަށް ރަނގަޅަށް ހިފޭނެ ގޮތަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ޒިންމާއަކަށްވާން ޖެހޭނީ ކަންކަން ފަހިކުރުމަށް މަގުކޮށައި، ހިނގޭނެ މަގުތައް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުންނަށް ދެއްކުންކަން ވެސް ޑީން ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ ބިންގާ ފުޅާ ކުރެވޭނީ ކެރޭ ބަޔަކަށް، ކެރޭ ރައްޔިތަކަށް ކަމަށާއި، ވެރިކަމުގައި ތިބޭ މީހުން، ރައްޔިތުންގެ އަޑު އަހައިގެން، އިޤްތިޞާދީ މާހިރުންގެ ލަފާ ވެސް ހޯދައިގެން ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން ކަންތައްތައް ކުރައްވަންވާނީ، ޕްރައިވެޓް ސެކްޓަރާ ގުޅިގެން އެބޭފުޅުންގެ ޚިޔާލުތަކާއި ޝުޢޫރުތަކަކީ ކޮބައިތޯ ބައްލަވައިގެންކަން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.