Last Updated: June 12, 11:16
Friday, June 12, 2026
ރިޕޯޓް

ސެކިއުލަރިޒަމަށް ވަކާލާތުކުރުން ހުއްދަ ވާނެތޯ؟

ސެކިއުލަރިޒަމަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެކަހެރި ކުރުމެވެ. މާއްދީ ފަލްސަފާތަކުގެ މައްޗަށް ކަންކަމާއި ގޮތްގޮތް ކަނޑައަޅައި ނިންމުމެވެ.

‏ސެކިއުލަރިޒަމަކީ ނުވަތަ ޢަލްމާނިއްޔަތަކީ ފަހަރެއްގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް މައްސަލައަކަށް ނުވެދާނެއެވެ. އަދި ހުޅަނގުގެ ޤައުމުތަކުގައި މިއީ ވަރަށް ރަނގަޅު ފިކުރަކަށް ވެސް ވެދާނެއެވެ. އެހެނީ، ތަޙްރީފު ކުރެވިފައި ވާ ނަޞާރާދީނަކީ އިންސާނީ ޙަޔާތުގެ ހުރިހާ މައިދާންތަކެއް ހިމެނޭ ދީނެއް ނޫނެވެ. ވަޟުޢީ ބާޠިލު ހުރިހާ ދީންތަކުގައި ވެސް ކަންކަން އޮތީ މި ބީދައިންނެވެ. ނަޞާރާދީނުގެ ފާދިރީންގެ ފަރާތުން މުޖުތަމަޢަށް ދައްކަމުން އައި ޖައްބާރު ކަމުން ޔޫރަޕް މިންޖުވީ ސެކިއުލަރިޒަމުގެ މި "ކޮންސެޕްޓް" ބޭނުން ކޮށްގެނެވެ.

ނަމަވެސް ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢަކަށް މި ކޮންސެޕްޓު ނުވަތަ ފިކުރު ފެއްތޭނެ އެއްވެސް ގޮތެއް އޮންނާނެ ތޯއެވެ؟ ތަޙުރީފު ކުރެވިފައިވާ ނަޞާރާދީނާއި އަދި އެހެނިހެން ދީންތަކާ ޚިލާފަށް އިސްލާމްދީނަކީ ފުރިހަމަ ޝަރީޢަތެއްގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ.

ޤިޔާމަތާ ޖެހެންދެން ދެމިގެން ދާނޭ ރިސާލަތެއް ކަމުގައި މާތް ﷲ ލެއްވި ދީނަކީ އިސްލާމްދީނެވެ.

މާތް ﷲ އިސްލާމްދީން ބާވައިލެއްވީ އިންސާނީ ޙަޔާތުގެ ހުރިހައި ދާއިރާއެއް ވެސް ހިމެނޭ ގޮތަށެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިބާދާތުގެ ދީނެއް ނޫނެވެ. އެއީ މުޢާމަލާތުގެ ވެސް ދީނެކެވެ. އިސްލާމްދީނުގެ ތިންބައިކުޅަ ދެބަޔަކީ މުޢާމަލާތޭ ދެންނެވުމަކީ ވެސް ދޮގަކަށް ނުވާނެއެވެ.

‏ކުރިން ދެންނެވި ފަދައިން ގިނަގުނަ ދީނީ އަޙްކާމުތަކާއި ޤަވާޢިދުތަކާއި އަސާސުތައް އެކީއެކަށް ފުހެލައިގެން ނޫނީ ސެކިއުލަރިޒަމް ޤާއިމެއް ނުކުރެވޭނެއެވެ. އެހެނީ ސެކިއުލަރިޒަމް ގޮވައިލަނީ ދީން އެއް ފަރާތުގައި ބޭއްވުމަށެވެ. ހަމައެކަނި ރޫޙާނީ އެއްޗެއްގެ ގޮތުގައި ބޭއްވުމަށެވެ. އަޅުކަމުގެ ދާއިރާގައި ބޭއްވުމަށެވެ. އެމީހެއްގެ އަމިއްލަ ޒާތީ އެއްޗެއްގެ ގޮތުގައި ބޭއްވުމަށެވެ. މިއީ މެދުމިނުގެ ސެކިއުލަރިޒަމް ވަކާލާތު ކުރާ ގޮތެވެ.

އިލްޙާދީ ސެކިއުލަރިޒަމް ނުވަތަ ޝާމިލު ސެކިއުލަރިޒަމް ގޮވައިލަނީ މުޅި އިންސާނީ ޙަޔާތުން ވެސް ދީން ނަގައި އެއްލައިލުމަށެވެ.

ސެކިއުލަރިޒަމްގެ އެންމެ އަސާސީ ސިފައަކީ ދީން އެއްފަރާތް ކުރުން ކަމުގައި ވީ ހިނދު، ސެކިއުލަރިޒަމް ޤާއިމުކުރުމުގެ ގޮތުން، އިސްލާމްދީނުގެ ރިސާލަތުން ބޮޑު ބައެއް އުނިކޮށްފައި ހަމައެކަނި ޢިބާދާތުގެ ބަޔަށް ދީން ހަނިކުރާނީ ކިހިނަކުންތޯއެވެ؟ އެބާރު އެއްވެސް އިންސާނަކަށް ލިބިގެން ވޭތޯއެވެ؟ މުސްލިމުންނަށް ދީނުން ބޭނުން ބައެއް ނަގާފައި، އަނެއްބައި ދޫކޮށްލަން އިޚްތިޔާރު ލިބިފައި ވޭތޯއެވެ؟ ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއް ބަޔަށް ކާފަރުވުން ހުއްދަވެގެން ވޭތޯއެވެ؟ ދީނުގެ ގިނަގުނަ ޤަޠުޢީ އަޙްކާމުތަކާއި ޘަވާބިތުތައް އެއްލައިލަން މުސްލިމަކަށް ވަކާލާތު ކުރަން ކެރޭނެތޯއެވެ؟ އެނގިހުރެ އެފަދައިން ވަކާލާތު ކުރާނަމަ އެމީހަކީ މުސްލިމަކަށް ވާނެތޯއެވެ؟ ސެކިއުލަރިޒަމް ގޮވައިލަނީ ބޮޑު ޕެކޭޖެއް ހެން މި ދެންނެވި ހުރިހާ އަޙްކާމުފުޅުތަކަކަށް ދެކޮޅު ހެދުމަށެވެ.

މުސްލިމުންނަކީ މާތް ﷲ ދީނާއި އެދީނުގެ އަޙްކާމުތަކާ ރުހި ޤަބޫލުވެގެން ތިބި ބަޔެކެވެ. އެއީ މުސްލިމަކަށް ވުމުގެ ޝަރުޠެކެވެ.

ނޯޓް: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.