Last Updated: April 28, 18:59
Sunday, April 28, 2024
ޚަބަރު

އައްޑޫގެ ޖިންސީ ގޯނާ: ބަންދާ މެދު ގޮތެއް ނިންމުން މާދަމާ

އައްޑޫގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިދިޔަ މަހު ހައްޔަރުކުރި އަންހެން މީހާގެ ބަންދާމެދު ހައިކޯޓުން ގޮތެއް ނިންމުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ޖިންސީ ގޯނާގެ ތުހްމަތުގައި ހައްޔަރުކޮށްފައި ހުރީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އޭނާގެ މައްޗަށް ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިމުނީ މިދިޔަ ހަފްތާގަ އެވެ.

އެ މައްސަލަގެ ހުކުމް ކުރަން ބާއްވާ ޝަރީއަތުގެ މަޖިލިސް ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާގެ ހެނދުނު 11.15އަށެވެ.

ސްކޫލުގައި ކިޔަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިތަދޫއން ހައްޔަރުކޮށްފައި ވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. ހުޅުމީދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ އެ އަންހެން މީހާގެ ބަޔާން މިދިޔަ ހޯމަ ދުވަހު ވަނީ ނަގާފައެވެ.

އެ އަންހެންމީހާގެ ބަންދާމެދު ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެމީހާވަނީ ފްރޭމްކޮށްފައި ކަމަށް ވެސް އެއްބަޔަކު ތުހްމަތުކުރެ އެވެ.