އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 4-0 އިން ލިވަޕޫލް އިން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު 32 މެޗުން ލިބުނު 76 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 31 މެޗުން ލިބުނު 74 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. މިރޭގެ މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް އޮތީ 33 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.
ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ލުއިސް ޑިއާޒް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލު ޑިއާޒް ކާމިޔާބު ކުރީ ސަލާހު ދިން ޕާހަކުން ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ވެސް ލިވަޕޫލުން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 22 ވަނަ މިނެޓްގައި ސަޑިއޯ މާނޭ ދިން ރީތި ޕާހަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލިވަޕޫލްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
ދެވަނަ ހާފްގައި ޔުނައިޓެޑުން ޖޭޑަން ސަންޗޯ ކުޅެން އެރުވިއިރު މި ހާފުގެ ކުރީކޮޅު ޔުނައިޓެޑުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި އެވެ. ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑަށް މި ހާފުގައި ވެސް ލިވަޕޫލްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެ އެވެ.
މި މެޗުގައި ލިވަޕޫލުން ޖެހި ތިންވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާނޭ އެވެ. އަދި 85 ވަނަ މިނެޓްގައި ލިވަޕޫލްގެ ހަތަރުވަނަ ގޯލު ސަލާހު ކާމިޔާބުކޮށްދިންއިރު ފަހު ވަގުތުކޮޅުތެރޭ ސަލާހަށް ވަނީ ހެޓްރިކެއް ފުރިހަމަ ކުރަން ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ އެވަޓަންއާ އެވެ. ޔުނައިޓެޑް ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.