ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓޯމް، ނެޓްފްލިކްސް އަށް ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއަށް 200،000 ސަބްސްކްރައިބަރުން ގެއްލިފައިވާ އިރު، މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ނެޓްފްލިކްސް އަށް ކުރިމަތިވި އެންމެ ބޮޑު ވެއްޓުމެވެ. ލަފާކޮށްފައިވާ ގޮތުގައި މި އައި ބަދަލާ އެކު މި އަހަރުގެ ތެރޭގައި ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ ތެރެއިން 2.5 މިލިއަން ސަބްސްކްރައިބަރުން ގެއްލޭނެ އެވެ.
އެތަނުން ބުނި ގޮތުގައި ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ކުރިމަތިލާން ޖެހުނު އިންފްލޭޝަނަކީ ނެޓްފްލިކްސް އަށް މި ވަރުގެ ވެއްޓުމަކާ ކުރިމަތިލާން ޖެހުނު އެއް ސަބަބެވެ. އަނެއްކޮޅުން ރަޝިއާގައި ހިދުމަތް ހުއްޓައިލަން ޖެހުމުން 700،000 މެމްބަރުން ވެސް ގެއްލިފައިވެ އެވެ.
ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ވެއްޓެން ފެށުމާ އެކު ހިއްސާގެ ބާޒާރުގައި ވެސް އޭގެ ހިއްސާގެ ވިޔަފާރި ވެސް 26 ޕަސެންޓަށް ދަށްވެފަވެ އެވެ.
މި ވެއްޓުނު އަޑިގަނޑުން އަރައިގަތުމަށް ދެން ނެޓްފްލިކްސް އަށް ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކަށް ވާނީ ހިދުމަތުގެ އަގަށް މިހާރަށް ވުރެ ހެޔޮ ބަދަލުތަކެއް ގެނައުމެވެ. އަނެއްކޮޅުން ޑިޒްނީ ޕްލަސް އާއި އެޗްބީއޯ މެކްސް ފަދަ ފްލެޓްފޯމްތަކުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ އެ އެއްޗިއްސާ ވާދަކުރަން ހިދުމަތުގެ އަގު ކުޑަކުރެވޭނެ ގޮތްތަކަކަށް ދެން ވިޔަފާރި ބައްޓަންކުރުމަކީ ނެޓްފްލިކްސް އަށް ކުރަން ޖެހޭނެ ކަމެކެވެ.

މިކަން ކުރަން މަޖުބޫރުވާ ވަރަށް މެމްބަރުން ގެއްލެން ދިމާވި އިރު، ދާދި ފަހުން ނެޓްފްލިކްސް ބައެއް ސަރަހައްދުތަކުގައި ހިދުމަތުގެ އަގު ބޮޑު ވެސް ކުރި އެވެ.
އެތަނުގެ ސީއީއޯ ރީޑް ހޭސްޓިންސް ވިދާޅުވީ އަގުހެޔޮކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ މިހާރު އަންނަނީ ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެއް އިހުތިޔާރަކަށް ވާނީ ކޮންޓެންޓްތަކުގައި އިޝްތިހާރުތައް ވެސް ހިމަނައިގެން ގެނެސްދިނުމެވެ.
ސަބްސްކްރައިބްކޮށްގެން ނެޓްފްލިކްސް ބަލާ މީހުންގެ އަދަދު 222 މިލިއަނަށް އަރަ އެވެ.