Last Updated: April 28, 15:28
Sunday, April 28, 2024
ޚަބަރު

އިންތިގެ ކެމްޕޭން: އިދިކޮޅުން ވެސް ނުކިޔާ ވަރަށް ސަރުކާރަށް ފާޑުކިޔުން

ރޭ ހިތަދޫގައި ބޭއްވި އިންތިގެ ކެމްޕެއިން ޖަލްސާގައި އިލްޔާސް ވާހަކަ ދައްކަވަނީ

ވާހަކަ ދައްކަމުން ދިޔައީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށް ކުރިމަތިލާފައިވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޖަލްސާގަ އެވެ. މައުޟޫ އަކީ އިމްތިޔާޒު ފަހުމީ (އިންތި) އަށް ވޯޓުދޭން ޖެހޭ ސަބަބުތަކެވެ. އެހެން ނަމަވެސް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ރޭ އެ ޖަލްސާގައި ގިނަ ވަގުތު ހޭދަކުރެއްވީ މިއަދުގެ ސަރުކާރު ފެއިލްވެފައިވާކަން ދެއްކުމުގެ މަސައްކަތެވެ. އިންތިއާ ވާދަކުރައްވާ މިނިސްޓަރ "ފައްޔާޒު އިސްމާއިލަށް ކަމަށް ހަދާ" އެ ދެއްކެވި ވާހަކައަކީ ސަރުކާރާ އިދިކޮޅު ފަރާތެއްގެ ކިބައިންވެސް ނީވޭހާ ބޮޑެތި ފާޑުކިޔުންތަކެވެ.

އައްޑޫގެ ގިނަ ރައްޔިތުންގެ ތާއީދެއް އޮންނަ އެމްޑީޕީގެ މެމްބަރުނަށް މުހާތަބުކުރައްވައި ފައްޔާޒު ވިދާޅުވީ" ސަރުކާރުން އައްޑޫގެ ގިނަ ކަންކަން ހިންދާލީ" ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ފައްޔާޒު ގެންގުޅޭ "ހިންގާލަން"ޝިއާރު އިލްޔާސް ގުޅުވާލީ ސަރުކާރުގެ ސިޔާސަތުތަކާއެވެ. އޭނާ ވިދާޅުވީ ހިންގާލަން ކަމަށްބުނާއިރު އައްޑޫގައި ތަރައްގީއަށް ކުރެވުނީ ކޮންކަމެއްތޯ އޭނާ ސުވާލު އުފެއްދިއެވެ.

" މި ސަރުކާރުއައިރު އިގުތިސާދީ ވަޒީރަަކަށް ހުރީ މިއަދު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވާ ވަޒީރު. އައްޑޫ ސިޓީގައި ކޮންކަމެއްތޯ ކުރެވުނީ. ހިނގަ ހިނގާއޮތް ދެ ރިސޯޓް، ސަންގްރެއްލާ އާއި ހެރެތެރެ ބަންދު. މިއަދު ވެރިކަމަށް ހަތަރު އަހަރު މި ނިމެނީ އަދިވެސް ބަންދު. ދެން ކޯއްޗެއް ހިންގާ ވާހަކަތޯ އެ ދައްކަނީ، ހިންދާލީ، ހިންދާލާ ވާހަކަތޯ އެ ދައްކަނީ،" އިލްޔާސް ވިދާޅުވި އެވެ.

ހިންގާލާ ވާހަކަ ދައްކާއިރު ލަދުވެސް ނުގަންނަނީތޯ ވިދާޅުވި އަނެއްކާވެސް އިލްޔާސްގެ ފާޑުކިޔުން އަމާޒުވީ ޕާޓީއާ ގުޅުންހުރި ވާހަކަތަކުގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތުތަކާ ގުޅުންހުރި ވާހަކަތަކަށެވެ.

"ދެން ބައްލަވާ ސީޕްލޭން، ދެ ފަހަރު އަޅުގަނޑުމެން ގެންގޮސް އެތާ އަވިގަނޑުގައި ބައިތިއްބާފައި އިފްތިތާހްކޮށްފި ހުވަދޫ ރިސޯޓަށް ގެސްޓުން ގެންދަންވެގެން. ކޮބާ އެކަން ކިހިނެތްވީ. އެއްކަމެއްވެސް ނުހިންގިގެންނޭ މި އުޅެނީ،"

އައްޑޫ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށްވިދާޅުވެ ފައްޔާޒުއަށް ވޯޓުދޭން ނުޖެހޭ ސަބަބުތަކެއް ކަމަށް އިލްޔާސް ދެެއްކެވީ ސަރުކާރަށް ނުކުރެވިހުރި ކަންކަމެވެ. އޭގެ ތެރޭގައި މަސްވެރިން ބާނާ މަސްކިރުމުގައި ދިމާވި ދަތިތައްވެސް އިލްޔާސް ގުޅުވާލީ މި އިންތިހާބުގެ ވޯޓާއެވެ.

"މިތާގައި މަސްފެކްޓްރީއެއް ހަދާފައި، ހަތަރު އަހަރަށްދާއިރު މި އުޅެނީ މަސްކޮޅު ނުކިރިގެން، ކަނޑަށް އުކަމުންދަނީ. މިއޮއް ރޯދަމަހު އަވީގައި ވާރޭގައި، ބާނާ މަސްކޮޅު ދޯންޏަށް އައިސްކޮޅެއް ލައިގެން ހަފްތާއެއްވަނީ މަސްކޮޅު ނުކިރިގެން މި އުޅެނީ. ކޮބާ މި މަސްފެކްޓްރީ ހިންގަން ބުނި މީހުން، އެ ވަޒީރަކީ އިގްތިސާދީ ވަޒީރު، އިގުތިސާދީ ވަޒީރަށް ކޮންކަމެއްތޯ ކުރެވުނީ،" އިލްޔާސް ވިދާޅުވި އެވެ.

އައްޑޫގައި އިގުތިސާދީ ކޮންކަމެއްތޯ އަލަށް ކުރެވުނީ ސުވާލު އުފައްދަމުން އިލްޔާސް ވަނީ ގަމުގައި ހުންނަ ދޫގަސްގައި ހޮޓެލްއެއް އެޅުމުގެ ވައުދުވެސް ނުފުދިއޮތްކަން ފާހަގަކޮށް ފައްޔާޒުއާ ގުޅުވާފަ އެވެ.

"މިވެރިކަމަށް ރައީސުލް ޖުމްހޫރިއްޔާ ހުވާކޮށް އިގުތިސާދީ ވަޒީރު ވަޑައިގެން ވިދާޅުވީ ތިމަންނަމެން ދޫގަސް ދުއިސައްތަ ކޮޓަރީގެ ހޮޓެލެއް އަޅަނީއޭ، ހަތަރުވަނަ އަހަރޭ މިއީ ކޮބައިތަ އެ ހޮޓާ. ކޮންތަނަކަށްތޯ ދިޔައީ އަޑިއަށްތޯ ދިޔައީ، ހިންދާލީތޯ ބިމުއަޑިއަށް. އަޅުގަނޑުމެން އެބަ ޖެހޭ ސާފުކޮށް ވިސްނަން، އައްޑޫ ފްލައިން ސްކޫލަށް ކިހިނެތޯ ވީ"

އައްޑޫ އެއާޕޯޓް ތަރައްގީނުވާ ކަމަށާއި އަދި ކުރިން ޖައްސަމުންދިޔަ ފްލައިޓްތައްވެސް މިހާރު ނުޖައްސާ ކަމަށްވިދާޅުވި އައްޑޫގެ ތަރައްގީއާ ގުޅިފައިވާ އެކި މަޝްރޫއުތަކަށް އިލްޔާސްވަނީ ފާޑު ވިދާޅުވެފަ އެވެ.

"ރިޔާސީ އިންތިހާބުގައިވީ ވައުުދު މިތަނުގައި ފަސް ރިސޯޓް ހަދައި 8000 ބެޑް ގާއިމުކުރާވާހަކަ. އެއްވެސް ތަނަކަށް އެއްވެސް ބެޑެއް އިތުރުވިތަނެއް ނުފެނޭ. އައްޑޫ ގެސްޓް ހައުސް ޒޯންތަކެއް ކަނޑައަޅައި، އިއުލާންކުރެވި ބަޔަކާއެކު ސޮއިކުރެވި ހަމަޖެހިފައިވަނީ، މީގެ ތިން އަހަރުކުރިން ދުއިސައްތަ މިލިއަން ބަޖެޓްގައި ޖަހާފައި އަޅުގަނޑުމެން އެސްއެމްއީ ބޭންކަށް ދިނީމޭ، އެ ގެސްޓް ހައުސްތައް ބިނާކުުރުމަށް، އެތާ އިމާރާތްކޮށްފައި ވަޒީފާގެ ފުރުސަތުތައް ދިނުމަށްޓަކައި، މިތަނަށް ޓޫރިސްޓުން ގެނައުމަށްޓަކައި، އެ ލާރިކޮޅުވެސް ގާތްރައްޓެހިންނަށް އެހެން މީސްމީހުނަށް ބަހާލައި ލޯނުދީ ނިންމާލީ، މިތާ ގެސްޓް ހައުސްއެއް އަޅަން އުޅުނު މީހަކަށް އެ ލޯނެއް ނުލިބޭ،"އިލްޔާސް ވިދާޅިވި އެވެ.

އައްޑޫގައި ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މީގެ ދެ އަހަރުކުރިން ސޮއިކުރި އެއްބަސްވުމެއް ވެސް އޮތް ކަމަށާއި އެކަންވެސް ހިންދާލީކަމަށް ވިދާޅުވެ އިލްޔާސްވަނީ މިހާރު ހިތަދޫގައި އަލަށްއަޅާ އިންޖީނުގޭގެ މަސައްކަތައްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސަރުކާރަށް ނުކުރެވި ހުރި ކަންކަމާއި ވީ ވައުދުތަކުގެ ތެރެއިން ނުފުއްދިހުރި ވައުދުތައް ފައްޔާޒަށް ގުޅުވި ނަމަވެސް ސަރުކާރުން އައްޑޫއަށް ކޮށްދީފައިހުރި ކަންކަމުގެ ވާހަކައާއެކު އިލްޔާސް ވިދާޅުވީ އެއީ އިގުތިސާދީ ވަޒީރާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އިލްޔާސްގެ އެ ވާހަކަތަކާއި އަދި އެެހެން ބޭފުޅުން އިކްނޮމިކް މިނިސްޓަރަށް ކިޔާ ފާޑުކިޔާ މިންވަރަށް އިދިކޮޅު ޕާޓީއަކުން ފަހަކަށް އައިސް ފާޑުކިޔާފައިނުވެ އެވެ. އަދި އެފަދަ ބޮޑެތި ތުހްމަތުތައް އިދިކޮޅުންކޮށްފައެއްނުވެ އެވެ.