Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ޔާމީންގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ނަޝީދު ފުލުހުންނަށް ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަވަށްޓެރި ގައުމުތަކަށް ބަދުބަސްބުނެ ބެނާ ނެގުމަކީ ގާނޫނާ ހިލާފު ކަމެށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް، އިންޑިއާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ދަތިހާލާ ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުއްލި މައްސަލައެއް ހުށަހެޅިއިރު ރައީސް ނަޝީދު ވަނީ އެ މައްސަލަ ކުއްލި މައްސަލައަކަށް ނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އޭޝިއާގައި ނަސްލުތަކާއި ދީންތައް އެއް މަސްލަހަތަކަށް ގެނައުމަށް މަސައްކަތް ކުރާތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ ކަމަށާއި، ގައުމުތަކުގެ ދާހިލީ ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތު ދޭން ނުފެންނަކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާއާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކަށް ބަދުބަސް ބުނެ ބެނާތައް ހަރުކުރުމަކީ ގާނޫނުލް އުގޫބާތާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ އާންމު މަސްލަހަތާ ހިލާފު ކަމެއް ކަމަށާއި، އެ ތަކެތި "ވަގުތުން ވަގުތަށް ފުލުހުން ނަގަން ޖެހޭނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް"ގެ ބޮޑު ބެނާއެއް ދަމާފައިވަނީ އިއްޔައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.