Last Updated: April 28, 17:29
Sunday, April 28, 2024
ޚަބަރު

އައްޑޫގެ ޖިންސީ ގޯނާ: އަންހެންމީހާގެ ބަންދަށް ހައިކޯޓުން ވެސް ތާއީދު

ދިވެހިރާއްޖޭގަެ ހައިކޯޓު --

އައްޑޫގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރަށް ހައިކޯޓުންވެސް ތާއީދުކޮށްފި އެވެ.

ޖިންސީ ގޯނާގެ ތުހްމަތުގައި ހައްޔަރުކޮށްފައި ހުރީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހްމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލަގައި ހުކުމް ކުރީ މިއަދު ހެނދުނެވެ.

ހައިކޯޓުން ނިންމީ އޭނާގެ ބަންދުގައި ބަހައްޓަންނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ހައިކޯޓުން އެ ނިންމުން ނިންމުމުގައި ބުނެފައިވަނީ އެމީހާ ބަހައްޓަން ކޯޓުން އަމުުރު ނެރިފައިވަނީ ބަންދުގައި ބަހައްޓާދޭން އެދި ފުލުހުން ހުށައެޅި ހެކިތަކުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށެވެ.

ސްކޫލުގައި ކިޔަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހްމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިތަދޫއން ހައްޔަރުކޮށްފައި ވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. ހުޅުމީދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ އެ އަންހެން މީހާގެ ބަޔާން މިދިޔަ ހޯމަ ދުވަހު ވަނީ ނަގާފައެވެ.

އެ އަންހެންމީހާގެ ބަންދާމެދު ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެމީހާވަނީ ފްރޭމްކޮށްފައި ކަމަށް ވެސް އެއްބަޔަކު ތުހްމަތުކުރެ އެވެ.