މިނިމަމް ވޭޖާ ގުޅުވާ ރިސޯޓް ކުލި ކުޑަކުރުން ރަނގަޅު ނޫން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު ޔައުގޫބް ވިދާޅުވީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާ ކަމަށާއި، އެހެންނަމަވެސް މިނިމަމް ވޭޖާ ގުޅުވާ ރިސޯޓް ކުލި ކުޑަކުރުން ރަނގަޅު ނޫންކަމަށެވެ.
"ރިސޯޓްތަކުގެ ލޭންޑް ރެންޓް ނުވަތަ ކުލި ކުޑަކުރުން އެއީ އެކަމާ މިނިމަމް ވޭޖާ ގުޅުވާފަ އޮތީމާ އެއީ އެހާ ރަނގަޅު ސަބަބެއްކަމަށް އަޅުގަނޑު ނުދެކެން. މިނިމަމް ވޭޖަކީ ކުއްޔާ ގުޅުވައިގެން އަޅުގަނޑުމެން ކުރަންވީ ވައުދެއް ނޫން." ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ ކުއްޔަށް އެއްވެސް ބަދަލެއް ނުގެނައު ނަމަވެސް، މިނިމަމް ވޭޖް ގެނައުމަށް އެމްޑީޕީން އޮތީ އިންތިހާބު ތެރޭގައި ވައުދުވެފައި ކަމަށެވެ. އެހެންކަމުން މިނިމަމް ވޭޖާ ގުޅުވާ ކުލި ކުޑަކުރުމުގެ ވާހަކަ ސަބަބެއްގެ ގޮތުން އައުމުން އެކަން ބަލައިނުގަނެވޭކަމަށް ޔައުގޫބް ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރުމަށް މިއީ އެންމެ ރަނގަޅު އެއް ވަގުތު ކަމަށެވެ. ޔައުގޫބް ވިދާޅުވީ ކުލި ކުޑަކުރުމުން ލިބޭ ގެއްލުމަކަށްވުރެއް ލިބޭ ނަފާ ބޮޑު ވާނެ ކަމަށެވެ.
ރާއްޖޭގެ ވަރަށް ގިނަ އިންޑަސްޓްރީތައް ފަތުރުވެރިކަމަށް ބަރޯސާވާކަން ފާހަގަކޮށް ޔައުގޫބް ވިދާޅުވީ ފަތުރުވެރިކަން ފުޅާވެ މުޅި ރާއްޖެއަށް ފެތުރިގެން ދިއުމަކީ އެހެން އިންޑަސްޓްރީތައްވެސް ކުރިއަރަންލިބޭނެ ފުރުސަތެއް ކަމަށެވެ.