Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ޖިންސީ ގޯނާ މައްސަލަގައި ހިމެނޭ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރާނަން: އެޗްއާރްސީއެމް

ފޮޓޯ: އެޗްއާރްސީއެމް

އައްޑޫ ޖިންސީ ގޯނާގެ މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމުގައި އިހްތިސާސްގެ ތެރެއަށް ފެތޭކަންކަން ބަލަމުން ގެންދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އުމުރުން 6 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރު ކޮށްފައިވާއިރު، އާންމުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާހަގަކޮށް އެޗްއާރްސީއެމްއަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ.

އެ ޕެޓިޝަނާ ގުޅޭގޮތުން އެޗްއާރްސީއެމްއިން ބުނެފައިވަނީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބުނު މައްސަލައެއް ކަމާގުޅުން ހުރި މުއައްސަސާތަކުން ބަލަމުން އަންނަކަން، އެޗްއާރްސީއެމްގެ ސަމާލުކަމަށް އައުމާގުޅިގެން، މިމައްސަލައިގައި އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ޙައްޤު ހޯދައި ދިނުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް ބަލަމުން އަންނަކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައިގައި އަމަލުކުރަމުންދާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެޗްއާރްސީއެމްއިން ބުނެފައިވަނީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 59އަހަރުގެ އަންހެން މީހާއަށް އެމްއާރްސީއެމްގެ ޓީމަކުން ޒިޔާރަތްކޮށް އޭނާގެ ހާލަތު ބަލާފައިވާކަމަށެވެ. އަދި ތުހުމަތަށް ހައްޔަރުކޮށްފައިވާ އަންހެންމީހާ ބަލަހައްޓަމުންގެންދިޔަ، ސްކޫލަށްދާ އުމުރުފުރައިގެ، އޭނާއަށް މާމަކިޔާ 3 ކުދިން ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށް އެކުދިންގެ ހާލަތުވެސް ބަލާފައިވާކަމަށެވެ. އަދި މި 3 ކުދިންގެ ހާލަތު، ޖެންޑާ މިނިސްޓަރީއާއި، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބަލައި މޮނިޓަރ ކުރަމުންދާކަމަށެވެ.

މީގެއިތުރުން އެޗްއާރްސީއެމްއިން ބުނެފައިވަނީ މިމައްސަލައިގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ފަރާތުން އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ އިތުރު މައްސަލައެއް ތަހުޤީޤު ކުރަމުން އަންނަކަމަށެވެ.