ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގދ. ވާދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މި އޭޓީއެމް ސެންޓަރގެ ހިދުމަތާއެކު މިވަގުތު ގދ. އަތޮޅު ތިނަދޫ އަދި ގައްދޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ފަރެސްމާތޮޑާ އަދި ވާދޫގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވި ހިދުމަތްދެމުންދެއެވެ.
"މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ ފުޅާކޮށް ބޭންކިންގ ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުތަކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ ނެޓްވޯކްގައި 140 އާ ގާތްކުރާ އަދަދަކަށް އޭޓީއެމް ހިމެނޭއިރު، މުޅި ރާއްޖެއަށް އޭޓީއެމް މެދުވެރިކޮށް ބޭންކިންގ ހިދުމަތްދޭ ހަމައެކަނި ބޭންކުގެ ގޮތުގައި ބީއެމްއެލް ވެގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް." ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ.