Last Updated: April 20, 17:52
Saturday, April 20, 2024
ރިޕޯޓް

އުފަލެއް ލިބުމުން މާތް ﷲ އަށް އުރެދިނުގަންނާށެވެ!

އުފަލެއް ލިބުމުން މުސްލިމުން އެންމެ ފުރަތަމަ އިސްވެގަންނާނީ މާތް ﷲ އަށް ޙަމްދާއި ޝުކުރު ދެންނެވުމަށެވެ. އުފަލެއް ލިބުމުން އެ ކަމުގެ އުފަލުގައި އުރެދުމަކަށް އަރައިގަތުމަށް ވިސްނުމަކީ މާތް ﷲ ގެ ނިޢުމަތްތަކަށް ކުފުރުވެރިވުމެވެ. އެއީ މުއުމިނުންގެ ސިފައެއް ނޫނެވެ.

މި ދުނިޔެ އަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. މި ތަނުގައި އިންސާނާ އިމްތިޙާނު ކުރެވޭނީ އޭނައަށް ކުރިމަތިވާ އެކިއެކި ކަންކަމުންނެވެ. އުފަލާއި ހިތަމާއިން ވެސް އޭނާ އިމްތިޙާނު ކުރެވޭނެއެވެ. އުފަލެއް ލިބުމުން އޭނާ ކަންތައް ކުރަނީ ކިހިނެއްތޯއެވެ. އެކަމުގައި އޭނާއަކީ ޝުކުރުވެރިވާ އަޅެއްތޯ ބެއްލެވޭނެއެވެ. ނުވަތަ އޭނާއަކީ ޝުކުރުވެރިވުމުގެ ބަދަލުގައި ކުފުރުވެރިވާ އަޅެއްތޯ ބެއްލެވޭނެ އެވެ. އަދި ހަމަ އެހެންމެ މުޞީބާތެއް، ދަތިކަމެއް، ހިތާމައެއް، ގެއްލުމެއް ކުރިމަތިވުމުން އޭނާ ކަންތައް ކުރަނީ ކިހިނެއްތޯ އެވެ.

އެ ކަމުގައި އޭނާއަކީ މާތް ﷲގެ ޤަޟާޤަދަރަށް އީމާންވެ އެ ކަމަށް ކެތްތެރިވެ މާތް ﷲ އަންގަވާފައިވާ ގޮތަށް އެ ކަމާ ކުރިމަތިލާ އަޅެއްތޯ ބެއްލެވޭނެއެވެ. ނުވަތަ އޭނާއަކީ އެ މުޞީބާތާ ހެދި މާޔޫސްވެ، އަމިއްލަ ޙަޔާތުން އުއްމީދު ކެނޑި، މާތް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލާ މީހެއްތޯ ބެއްލެވޭނެއެވެ.

ޝައިޠާނީ ބެރުދުންމާރި އާއި އެހެނިހެން މުންކަރާތްތައް ހިމެނޭ ގޮތަށް އަންހެނުންނާއި ފިރިހެނުން އެއް ތަންވެ، މަސްހުނިވެ، ފޯރިނަގައި ނާޗަރަންގީ ކުޅުމަކީ މާތް ﷲ ގެ ރުއްސެވުން ލިބޭނޭ ކަމެއް ނޫން ކަން ކަށަވަރެވެ.

އެ ކަމުން އެންމެ ބޮޑު ރުހުމެއް ލިބިގެން ދާނީ ޝައިޠާނާގެ ކަން ޔަޤީނެވެ. ދެން ނިކަން ވިސްނަވާށެވެ. މާތް ﷲ ދެއްވި ނިޢުމަތަށް ކުފުރުވެރިވެ، އުފާ ފާޅުކުރުމުގެ ނަމުގައި ޝައިޠާނާގެ ހިތް ރުއްސުން ވެގެން ދަނީ ކިހައި ބޮޑު ނުބައި ކަމަކަށްތޯއެވެ. މިއީ އެއްވެސް މުސްލިމެއްގެ، އެއްވެސް މުއުމިނެއްގެ ފަރާތުން ފެނިގެން ވާނޭ ކަމެއް ނޫނެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެ އެވެ. ﱡﭐ ﱝ ﱞ ﱟ ﱠ ﱡ ﱢﱣ ﱤ ﱥ ﱦ ﱧ ﱨ ﱩ ﱠ إبراهيم: ٧ މާނައީ: " އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ( ޝުކުރުނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ދެއްވާ ނިޢުމަތްތަކާއި ދެއްވާ އުފާތަކަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތްތައް މާތް ﷲ އިތުރު ކޮށްދެއްވާނޭ ކަމެއް ކަން މި އާޔަތުން ވަރަށް ޞަރީޙަކޮށް އެނގިގެން ދެއެވެ. އަދި ހަމަ އެފަދައިން، ޝުކުރު ކުރުމުގެ ބަދަލުގައި އެ ކަމަށް ކާފިރުވެއްޖެ ނަމަ މާތް ﷲ ގެ އަޒާބު ގަދަފަދަ ވެގެން ވާ ކަން ވެސް އެނގި ބަޔާންވެގެން ދެ އެވެ.

ކުފުރުވުމަކީ މާތް ﷲ އެންގެވި ގޮތާ ޚިލާފަށް އުޅުމެވެ. ނިޢުމަތެއް ލިބުނީމައި މުންކަރާތްތަކަށް އަރައިގަތުމެވެ. މިއީ މުއުމިނުން މުސްލިމުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

މާތް ﷲ އަށް ޙައްޤުގޮތުގައި އަޅުގަނޑުމެން ބިރުވެތިވާން ޖެހެ އެވެ. އުފަލެއް ލިބުމުން އެ ކަމުގެ ހުރިހާ ޙަމްދެއް ހުރީ މާތް ﷲ އަށެވެ. އަދި، އުފާ ފާޅުކުރަން ވާނީ އެ އިލާހު ރުއްސަވާފަދަ ގޮތަކަށެވެ.

ނޯޓް: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.