Last Updated: July 12, 14:13
Sunday, July 12, 2026
ދުނިޔެ

ޑެލްޓާ އިން ސްޓާލިންކް އިންޓަނެޓް ޓެސްޓްކޮށްފި

އެމެރިކާގެ ޑެލްޓާ އެއާލައިންސްގެ މަތިންދާބޯޓްތަކިގައި ސްޓާލިންކްގެ އިންޓަނެޓް ޓެސްޓްކޮށްފައިވާ ކަމަށް އެއާލައިން ބުނެފި އެވެ.

އެ އެއާލައިންގެ ސީއީއޯ އެޑް ބެސްޓިން އެކަން ކަށަވަރުކޮށް ދެއްވި ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ. އެހެންވެ ޑެލްޓާގެ މަތިންދާބޯޓްގައި ސްޓާލިންކް އިންޓަނެޓް ބޭނުންކުރާނެތޯ އާއި ކުރާ ނަމަ އެކަން ކުރާނެ އިރެއް ވެސް ސާފެއް ނުވެ އެވެ.

މީޑިއާތަކުން ބުނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ބިނާކުރަމުން އަންނަ ސްޓާލިންކްގެ އިންޓަނެޓް އެއާލައިންތަކުން ބޭނުންކުރަން ފެށުމަކީ އެއަށް އޮތް ތަރުހީބު ވެސް ހާމަކޮށްދޭނެ ކަމެއް ކަމަށެވެ.

އެ ހިދުމަތް އެއާލައިންތަކަށް ދޭން ވަރަށް ގިނަ އެއާލައިންތަކަކާ މަޝްވަރާކުރެވެމުން އަންނަ ވާހަކަ މަސްކް މިދިޔަ އަހަރު ބުންޏެވެ. އެހެންވެ މަތިންދާބޯޓްތަކަށް ސްޓާލިންކްގެ ހިދުމަތް ހޯދަން ބޭނުންވާ ނަމަ އެއާލައިންތަކުން އެކަން އަންގައި ދިނުމަށް ވެސް ޓްވީޓްގައި އީލޮން ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ހަލުވި އިންޓަނެޓްގެ ހިދުމަތް މަތިންބޯޓްތަކަށް ފޯރުކޮށްދެވޭނެ އެވެ.

ސްޓާލިންކްގެ ކޮމާޝަލް ސޭލްސްގެ ވައިސް ޕްރެޒިޑެންޓް ޖޮނަތަން ހޮފެލާ ވިދާޅުވި ގޮތުގައި މަތިންދާބޯޓްތަކަށް ހިދުމަތް ފޯރުކޮށް ދިނުމާ ބެހޭ މަޝްވަރާތައް މިހާރު އެއާލައިންތަކާ އެކީ ކުރިއަށް ދާތީ ވަރަށް އަވަހަށް "އިން-ފްލައިޓް ކަނެކްޓްވިޓީ" ހަގީގަތަކަށް ހެދޭނެ އެވެ.

ސްޓާލިންކަކީ ސެޓްލައިޓް ފައުޖަކާ އެކު ބިނާ ކުރަމުން އަންނަ ވިއުގައެކެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް އެ ހިދުމަތް ލިބެ އެވެ.