ލައިސަންސް ނެތި ބިދޭސީން ރެކްރޫޓްކުރާ ނަމަ ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އެކުލަވާފައިވާ "ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު" ގައިވާ ގޮތުން ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކަށް ޚިދުމަތް ދެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސް ލިބިގެންނެވެ.
މި ގަވައިދުގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކޮށްދޭނެ ކެޓަގަރީތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކެޓަގަރީ (އޭ) ރެކްރޫޓްމަންޓުގެ ޚިދުމަތާއި ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކާއި ކެޓަގަރީ (ބީ) ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކާއި ކެޓަގަރީ (ސީ) މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.
އެހެންވެ ހުއްދަ ނެތް އޭޖެންސީއަކުން އެއްވެސް ކެޓެގަރީއެއްގެ ލައިސަންސަކާ ނުލައި ހިދުމަތް ދީފި ނަމަ، ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން 40،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، ގަވާއިދާ ހިލާފަށް ރެކްރޫޓް ކުރި ކޮންމެ މީހަކަށް 5،000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ހިމެނެ އެވެ.
އަދު ގަވާއިދާ ޚިލާފަށް ޚިދުމަތް ދީފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، ގަވާއިދާ ޚިލާފަށް ޚިދުމަތް ދޭން ބޭނުންކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާކުރުމާއި އެއް އަހަރަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުމުގެ ބާރު މިނިސްޓްރީ އަށް ލިބިދފައިވެ އެވެ.
ކެޓަގަރީ (އޭ) ލައިސަންސަކާ ނުލައި ރެކްރޫޓްމެންޓް ޚިދުމަތެއް ދީފި ނަމަ، އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ކެޓަގަރީ (އޭ) ނުވަތަ (ބީ) ލައިސަންސަކާ ނުލައި ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދީފި ނަމަ އޭޖެންސީއަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު 10،000 ރުފިޔާއިން ޖޫރިމަނާކޮށް، ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ކެޓަގަރީ (ސީ) ލައިސަންސަކާ ނުލައި ހިދުމަތް ދީފިނަމަ އޭޖެންސީ އަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމާ އެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ހިދުމަތް ދިނުމުގައި ބޭނުންކުރި ކޮންމެ މީހަކަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓުމަށް ވެސް ޤަވާއިދުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދީފިނަމަ ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ހަ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދޫނުކޮށް ހިފަހެއްޓޭނެ އެވެ.