Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ބަލަމުންދިޔަ ޔަތީމު ކުދިންނަށްވެސް ޖިންސީ ގޯނާކޮށްފާނެ ތީ އަންހެން މީހާ ބަންދުގައި ބަހައްޓަން އެދުނު؟!

އައްޑޫގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކަށްވެފައި ވަނީ އައްޑޫގައި އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކަަށް ޖިންސީ ގޯނާކުރިކަމުގެ ތުހްމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ވާހަކަ އެވެ. ތަފާތު ގޮތްގޮތައް އެ ވާހަކަ ދެކެވެމުންދަނިކޮށް މިއަދު ވަނީ އެ މައްސަލަގައި މީގެ ކުރިން ހައްޔަރުކޮށްފައިހުރި އުމުރުން ދުވަސްވީ އަންހެން މީހާގެ ބަންދާމެދު ހައިކޯޓުން ގޮތެެއް ނިންމާފައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރަށް ހައިކޯޓުން ތާއީދު ކުރުމުގައި ރިޔާއަތްކުރީ އަންހެން މީހާ ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓްކޯޓުން އަމުރު ނެރުމުގައި ބަލާފައިވާ ކަންކަމަށެވެ.

ހައިކޯޓުގެ އެ ނިންމުމުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެ އަމުރު ނެރެފައިވަނީ ކޮންކަހަލަ ސަބަބުތަކެއްގެ މައްޗަށް ކަން އެނގެން އޮވެ އެވެ. އެގޮތުން އަންހެން މީހާ ބަންދުގައި ބަހައްޓާދޭން އެދި ބަންދުގެ މަޖިލީހުގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ދެއްކި ސަބަބުތަކަށް ހިތަދޫ ކޯޓުން ހަވާލާދީފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.

ތަހްގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާ ނިމެންދެން ވެސް އެ އަންހެން މީހާ ބަންދުގައި ބަހައްޓަންދޭން ފުލުހުން އެދިފައިވާ އެއް ސަބަބަކީ އެ އަންހެން މީހާ ބަލަމުންދާ 18 އަހަރުން ދަށުގެ ޔަތީމް ތިން ކުދިން ތިބުމާއި އެކުދިނަށްވެސް އެ އަންހެން މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބިދާނެތީ ކަމަށް ފުލުހުން ބުނިކަން އެ ހުކުމުން އެނގެން އޮވެއެވެ.

އަންހެން މީހާގެ ޖިންސީ ގޯނާގެ ޝިކާރައަކަށް އޭނާ ބަލަމުންދާ ކުދިން ވެދާނެ ކަމަށް ފުލުހުން ކޯޓުގައި ބުނި ބުނިމުގެ އިތުރުންވެސް އެހެން ސަބަބުތަކަށް ކޯޓުން ރިއާޔަތްކޮށްފައިވެ އެވެ.

އަންހެން މީހާ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓަދޭން ފުލުހުން އެހެން ބައެއް ސަބަބުތަކުގެ ތެރޭގައި

– ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި ތުހުމަތުކުރެވޭ މީހާއާއިއެކު މަސައްކަތްކުރާ މީހުން ތިބި ކަމަށް އަންހެން މީހާ ބުނުން
– ތުހުމަތުކުރެވޭ މީހާ ބަލަމުންދާ 18 އަހަރުން ދަށުގެ ތިން ކުދިން ތިބި ކަމާއި، އެކުދިންވެސް މިފަދަ ޢަމަލެއްގެ ޝިކާރައަކަށް ވެދާނެ ކަމަށް ފުލުހުން ބުނުން
– ތުހުމަތުކުރެވޭ މިހާއަކީ ކުޑަކުދިން ތައުލީމު ޙާޞިލުކުރަމުންދާ ސުކޫލެއްގައި ޒިންމާދާރު މަޤާމެއްގައި ހުރި ފަރާތަކަށްވުން
– ކުއްޖާއާމެދު ޙާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ، ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާގޮތް ކުއްޖާގެ މަންމައަށް ކިޔައިދީ، އެވަގުތުން ފެށިގެން ޑޮކްޓަރަށް ދެއްކިއިރު، މެޑިކަލް ލީގަލް ރިޕޯރޓުން ކުއްޖާގެ ޖިންސީ ގޯނާކޮށްފައިވާކަން އެނގެން އޮތުން
– ހެކިބަސް ދީފައިވާ އެހެން ހެކިންގެ ބަސް، ކުއްޖާ ބުނާ ބުނުންތަކާ ގުޅުވާލެވޭތީ

ފުލުހުންގެ އެ ވާހަކަތަކަށް ބަލައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ މުޖުތަމަޢުގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި، ތުހުމަތުކުރެވޭ މީހާއަކީ މައްސަލައިގެ ތަޙްޤީޤު މަރުޙަލާގަ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި
ބަހައްޓަންޖެހޭ މީހެއްކަމަށެވެ.

ހިތަދޫ ކޯޓުގެ އެ ނިންމުން ބާތިލްކުރަން ހައިކޯޓުގައި އަންހެން މީހާގެ ފަރާތުން މައްސަލައިގައި އެއްކަމެއް ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާ ބަންދާމެދު ގޮތް ނިންމި މެޖިސްޓްރޭޓަކީ އަމުރު ނެރުނު މެޖިސްޓްރޭޓްކަމަށްވަށް ވުމެވެ. އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވެފައިވަނީ ބަންދު އަމުރު ނެރުނު މެޖިސްޓްރޭޓަށް ބަންދާމެދު ގޮތެއް ނުނިންމޭނެކަމަށެވެ. ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަގައި ބަންދާމެދު ހިތަދޫ ކޯޓުން ގޮތެއް ނިންމާފައިވަނީ އެ ކޯޓުގައި އެންމެ މެޖިސްޓްރޭޓަކު މަސައްކަތްކުރަމުންދިޔައިރު ކަމަށްވާތީ އެކަމުގައި އެ މެޖިސްޓްރޭޓް ގާނޫނާ ހިލާފުވެފައިނުވާ ކަމަށެވެ.

ދެ ވަނަ ކަމަކަށް އަންހެން މީހާގެ ފަރާތުން ކޯޓުގައި ފާހަގަކުރި މައްސަލައަކީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެދުމަށް ނެރފައިވާ ކޯޓު އަމުރަކަށްވުމެވެ. މިހެންކަމުން އެ އަމުރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ހައިކޯޓުން އެ ނުކުތާގައި ބުނެފައިވަނީ އެ އަމުރު ނެރެފައިވަނީ ދިވެހި ފުލުހުންގެ
ޚިދުމަތުން ހުށައަޅާފައިވާ ފޯމަކުން ހުށައަޅައިހގެން ކަމަށްވިއަސް ބަންދުގެ އެ އަޑުއެހުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބައިވެރިވެފައިވާ ކަމަށެވެ.

އަދި އެ އަޑުއެހުން ބާއްވައިދިނުމަށާއި، އާމިނަތުދިޔެ ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުން ސިޓީން އެދިފައިވާ ކަމަށާއި އެ ޤާނޫނުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާނެ ވަކި ގޮތެއް ބަޔާންކޮށްފައެއް ނޯންނަ ކަމަށެވެ.

އޭގެ އިތުރުން ކޯޓަށް ހުށައެޅި ހެކިތަކަށް ކޯޓުން ރިއާޔަތްކޮށްފައިނުވާކަމަށްބުނެ ނުކުތާއަށްވެސް ހައިކޯޓުން ރައްދުދީ ނިންމީ ކޯޓުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

"އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގައި ހުރުމުން، މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ހެކިތަކަށް ބަލައި،
އާމިނަތުދިޔެ ބަންދުކޮށްފައި ބެހެއްޓުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނަންބަރު:
16/2022/S2C/MA ކޯޓު އަމުރު ނެރެފައިވަނީ މި ޤާނޫނުގައިވާ ގޮތުގެ މަތިން ހެއްކަށް ރިޢާޔަތްކުރުމަށްފަހު
ރަނގަޅަށްކަމަށް ދެކެމެވެ" ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައިވެ އެވެ." ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވެއެވެ،

އުމުރުން އެންމެ ހަ އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހްމަތުގައި އަންހެން މީހާ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ. އަދި އޭގެ ފަހުން ބަންދުގައި އެމީހާ ހުންނަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގަ އެވެ.