Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ސިޓީ އަލުން އެއްވަނަ އަށް، އާސެނަލުން ޗެލްސީ ބަލިކޮށްފި

ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަންގެ މައްޗަށް 3-0 އިން ކުރި ހޯދާ މެންޗެސްޓާ ސިޓީން ލީގުގެ އެއްވަނަ އަށް އަލުން އެރިއިރު، އާސެނަލް އިން 4-2 އިން ޗެލްސީ ބަލިކޮށްފި އެވެ.

މިރޭގެ މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 32 މެޗުން ލިބުނު 77 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 32 މެޗުން ލިބުނު 76 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ތިންވަނައިގައި 31 މެޗުން ލިބުނު 62 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ. އަދި ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 32 މެޗުން ލިބުނު 57 ޕޮއިންޓާ އެކު ކަމަށްވާއިރު ފަސްވަނައިގައި 32 މެޗު ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން އޮތީ އާސެނަލް އެވެ. ޓޮޓެންހަމް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި ރިޔާދް މަހްރޭޒް ވަނީ ސިޓީ އަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 65 ވަނަ މިނެޓްގައި ފިލް ފޮޑެން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އެވެ.

ލީގުގެ ތަށްޓައް ސިޓީ އާއި ލިވަޕޫލް ވާދަކުރާއިރު، މި ދެ ޓީމަށް ވެސް ލީގުގައި ބާކީ ދެން އޮތީ ހަ މެޗެވެ.

ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ އާސެނަލް އިން މިރޭ ޗެލްސީ ބަލިކުރިއިރު މި މެޗުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކުރީ އާސެނަލުންނެވެ. އެގޮތުން ޗެލްސީގެ ޑިފެންޑަރު ކްރިސްޓެންސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑީ އެންކެޓިއާ އެވެ. ނަމަވެސް މެޗުގެ 17 ވަނަ މިނެޓްގައި ޓިމޯ ވާނާ ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ އާސެނަލުންނެވެ. އެގޮތުން ޗެލްސީގެ ޕެނަލްޓީއޭރިއާގެ ރޮގު މަތީ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން މި ގޯލު އެޓީމަށް މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެމީލް ސްމިތް ރޯ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވަނީ އެޓީމަށް އަލުން ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި މެޗުގައި ތިންވަނަ ފަހަރަށް އާސެނަލުން ލީޑު ނެގީ މެޗުގެ 57 ވަނަ މިނެޓްގައި ކަމަށްވާއިރު މި ގޯލަކީ ޗެލްސީގެ ޑިފެންޑަރު މަލަންގް ސާގެ ފައިގައި ޖެހިފައި އެންކެޓިއާ އަށް ލިބުނު ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. ނަތީޖާ އެއްވަރުކުރަން ޗެލްސީ އަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ނުވާއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ އާސެނަލް އަށް ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ޕެނަލްޓީ އާސެނަލް އަށް ލިބުނީ ސަކާ އަށް ޗެލްސީގެ ކެޕްޓަން ކުރި ފައުލަކާ ގުޅިގެންނެވެ.