Last Updated: July 17, 06:30
Friday, July 17, 2026
ޚަބަރު

ފަހު ދިހައަކަށް ސްކޫލްތައް ބަންދުކުރަން ގޮވާލައިފި

ރޯދަ މަހުގެ ފަހު ދިހައަކަށް ސްކޫލްތައް ބަންދުކުރަން ޝައިހް އަލީ ޒައިދު ގޮވާލައްވައިފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަހަރުގެ ރަމަޟާން މަސް ލައްވާލީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރާއި ކަމަށާއި މަދުވަގުތުކޮޅަކު ކިޔަވަން ދިލަ އަވީގައި ދުއްވުމަށް ވުރެ، ހޯމްވޯކް ދިނުމަށްފަހު ފަހު ދިހައެއް ހުސްކޮށްލުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ.

"ރައްޔިތުންނަށް ލުއިކޮށްލައިދިނުމުގެ ގޮތުން މިކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލަން" ޒައިދު ވިދާޅުވި އެވެ.

ޒައިދު މިކަމަށް ގޮވާލިއިރު ރޯދަ މަހުގެ ފަހު ދިހައަކަށް ރާއްޖޭގެ ބައެއް ސްކޫލްތައް ކޮންމެ އަހަރަކު ވެސް އަންނަނީ ބަންދުކުރަމުންނެވެ.

އޭޕްރީލް މަހަކީ ކޮންމެ އަހަރަކުވެސް އެންމެ ހޫނު ގަދަ މަސް ކަމަަށް މެޓް އޮފީހުން ބުނެ އެވެ. އަދި މި މަހުގެ މެންދުރު އިތުރަށް ހޫނު ގަދަވާނެ ކަމަށާއި ކޮންމެ ދުވަހެއްގެ އެންމެ ހޫނު ވާނީ މެންދުރު ދޭއް ޖަހާއިރު ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.