ފުވައްމުލަކި ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާނެ އާ އަގުތަކަށް މިއަދުން ފެށިގެން އަމަލުކުރާ ގޮތަށް ނިންމި ނަމަވެސް އެކަން މިހާރު ފަސްކޮށްފި އެވެ.
މިކަން ކައުންސިލުން ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ. އާ އަގުތައް ނެގުން މަޑުޖައްސާލީ އިއްޔެ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގަ އެވެ.
ފުވައްމުލަކ ބަނދަރަށް ވަންނަ ސަފާރީތަކުގެ ތެރެއިން 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް މިއަދުން ފެށިގެން ނަގާ ގޮތަށް ހަމަޖެއްސީ 150 ޑޮލަރެވެ. އަދި އެ ސައިޒަށް ވުރެ ބޮޑު ސަގާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި ނަގަން ހަމަޖެއްސީ 200 ޑޮލަރެވެ.
ސަފާރީތަކުން ނަގާ ދުވަހު ފީ ކައުންސިލުން ކުޑަކުރީ މި މަހުގެ 1 އިން ފެށިގެން ފީއެއްގެ ގޮތުގައި 500 ޑޮލަރު ނަގައި ނިންމައި އެއަށް އަމަލުކުރަން ނިންމިކަން ހާމަކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ކްރޫޒް ޓޫރިޒަމް އިންޑަސްޓްރީގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ކުރިން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ދުވާލަކަށް ފީއެއްގެ ގޮތުގައި ނަގަމުން އައީ 50 ޑޮލަރެވެ.