އިދިކޮޅުން މިހާރު "އިންޑިއާ އައުޓް" ބެނާތައް ޖަހަން ފަށާފައިވާ މަސައްކަތް ދާނީ ކުރިއަށް ކަމަށާއި ބެނާތައް ނުވެސް ނެގޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން އެ އިބާރާތް ލިޔެފައިވާ ބޮޑު ބެނާއެއް ޔާމީންގެ ގެކޮޅުފައި ވެސް ވަނީ އެލުވައިފަ އެވެ. އަދި ފުލުހުން އެ ނަގައި އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށް ފުލުހުން ވެސް ވަނީ ބެނާތައް ނެގުމަށް އަންގައިފަ އެވެ.
މިކަމާ ގުޅިގެން އިދިކޮޅުން ބޭއްވި ނޫސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވީ ބެނާތައް ދެމުން ނުހުއްޓުވޭނެ ކަމަށާއި އެ މަސައްކަތް ދާނީ ކުރިއަށް ކަމަށެވެ.
"އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާތީ އެކަމާ މޭބޮޑުވެގެން ހަދާނެ ގޮތެއް ނޭނގިގެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަޅުގަނޑު ދަންނަވާނީ މި ބެނާތައް ދަމާ ގޭގެ ދާނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުުރުވަމުންނޭ. ހަމައެކަނި މާލެއަކު ނޫން މިކަން ހިނގާނީ. ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެކަން ކުރާނެ،" އޭނާ ވިދާޅުވި އެވެ. "އިންޑިއާ އައުޓް ހަރަކާތް ދާނީ އެކި ސިފަ ސިފާގައި ކުރިއަށް. ހަމައެކަނި ބެނާއެއް ނޫން. މިއަށް ވުރެ މާ ބޮޑެތި ކަންތައްތައް އަދި ހިނގާނެ."
ފުލުހުން ބުނީ "އިންޑިއާ އައުޓް" ބެނާ ދަމާފައި ހުރުމަކީ, ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި، ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.
އަދި އެފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިނގާ ކަންކަމުގެ ސަބަބުން ރާއްޖެ އާއި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގެއްލުން ވެދާނެ ފިތުރިނަވެރި އަމަލަކަށްވާތީ، އެއީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.