އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން ކަމެއް ނުކޮށްދޭ ކަމަށާއި ކުރަން އުޅޭ ކަންކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސަން ޝަހީމް (އަނދުން ހުސައިން) އިން ރޭ ފާޑުވިދާޅު، ރައްދު ދެއްވައިފި އެެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވާ އިލްޔާސް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒަށް ތާއީދުކުރައްވައި ރޭ އައްޑޫގައި ބޭއްވި ބައްދަލުވުމުގައި ހުސައިން ވަނީ އައްޑޫގެ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ބޭރު ކުންފުނީގެ ދިވެހި އޭޖެންޓަކީ ވެސް އިލްޔާސްގެ އާއިލީ ކުންފުންޏެއް ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުން މިހާރު ވެސް 5،000 މިލިއަނެއްހައި ރުފިޔާގެ މަޝްރޫއު ހިންގަމުން ކަމަށެވެ. އައްޑޫގެ ބޮޑެތި މަޝްރޫއުތައް މި ވަގުތު ހިންގަނީ އިންޑިއާގެ އެފްކޮންސްއިންނެވެ.
Oops! 🤦🏻♀️ pic.twitter.com/LNbMlqCVPJ
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 21, 2022
"އައްޑޫގައި ރައީސް ސޯލިހިގެ ސަރުކާރުން މިހިންގާ ފަންސާސް މިލިއަނެއްހާ ރުފިޔާގެ މަޝްރޫޢު ހިންގާ ކުންފުނީގެ ލޯކަލް އެޖެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ އާއިލީ ކުންފުނި." ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލްޔާސަކީ ކުންފުނިތަކުގެ ހިންގުން މޮނީޓާކޮށް، ކުންފުނިތައް ހިންގާ ގޮތް ހަރުދަނާކޮށް، ކުންފުނިތަކަށް ފާރަވެރިވުމަށް އަލަށް ރައްޔިތުންގެ މަޖިލީހުން އެކުލަވައިލާފައިވާ އެސްއޯއީ ކޮމިޓީގެ މުޤރައްރިރު ކަމަށެވެ.
"އެ މަނިކުފާނު މި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން އަލަށް އުފެއްދި ކުންފުނިތަކުގެ ހިންގުމާ ބެހޭ، ކުންފުނިތައް މޮނީޓާކޮށް ބެލެހެއްޓުމާއި، ކުންފުނިތައް ޒިންމާދާރުކުރުވުމާއި ޖަވާބުދާރީކުރުވުމަށް އުފައްދާފައި އޮންނަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މުޤައްރިރު،" ހުސައިން ވިދާޅުވި އެވެ.
އިލްޔާސަށް ބަހުގެ ހަމަލާތައް ދެއްވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ ކޮމިޓީއެއްގެ މުގައްރިރުކަން ލިބުމަކީ ސަރުކާރުން ހިންގާ މަޝްރޫޢއުތައް ތަންފީޒުކުރުމަށް އަންނަ ބޭރު ކުންފުނިތަކުގެ ލޯކަލް އެޖެންޓުކަން ނަގަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކު ހުންނަން ވާނީ ދުރުގައި ކަންކަން ހިނގާ ގޮތް ބައްލަވަން ކަމަށް ވެސް ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ނުފޫޒު ފޯރުވުމާއި ވައްކަންކުރުމާއި، ކަންކަން ދަމައިގަތުމުގެ ވާހަކަ ދައްކަވާއިރު އަމިއްލަ އަމަލުތައް ހުންނަ ގޮތައް ވެސް ބަލަން ޖެހޭ ކަމަށެވެ.
އައްޑޫގައި މި ހަފުތާގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި އިންތިގެ ކެމްޕޭން އެއްވުމެއްގައި އިލްޔާސް ވިދާޅުވީ ވިދާޅުވީ އިގްތިސާދީ ވަޒީރުގެ ދާއިރާ އިން އައްޑޫ އަށް ކުރަން ސަރުކާރުން ވައުދުވި ގިނަ ކަންކަން ނުކުރެވޭ ކަމަށާއި އެ ވަޒީރުގެ ސަބަބުން ސަރުކާރު ބަދުނާމުވަމުންދާ ކަމަށެވެ.
"އިގުތިސާދީ ވަޒީރާ ހެދި މުޅި ސަރުކާރު ބަދުނާމު ވަނީ. އައްޑޫ ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން މި ސަރުކާރު ގެނައީ، އެކަމަކު އިގްތިސާދީ ވަޒީރަކާއި ހެދި މި ސިޓީގެ ރައްޔިތުންނަށްވާ ފައިދާއެއް ނެތް. އިގްތިސާދީ ކަމެއް ނެތް." އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އައްޑޫގެ ބަނދަރު ހެދުމާއި މަގު ހެދުން ފަދަ ކަންކަމުގެ "ކްރެޑިޓް" ނަގަން ފައްޔާޒު އުޅުއްވާ ކަމަށެވެ.