Last Updated: April 20, 09:47
Saturday, April 20, 2024
ރިޕޯޓް

އިޖުތިމާއީ އަހުލާގިއްޔާތުގެ ސިފަތައް

އިސްލާމް ދީނަކީ މަތިވެރި އަޚްލާޤުގެ ދީނެވެ. އިސްލާމްދީނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ދީނެވެ. އިސްލާމީ މުޖުތަމަޢެއްގައި ހުރިހައި މަތިވެރި އަޚްލާޤީ ސިފަތައް ފެންނަން ހުންނަން ވާނެއެވެ. ނިފާޤުކަމުގެ ހުތުރު ސިފަތަކުން އެއްކިބާވެފައިވާ މުޖުތަމަޢަކަށް އެ މުޖުތަމަޢު ވުން ލާޒިމެވެ.

ނަބިއްޔާ صلى الله عليه وسلم ވަނީ ނިފާޤުކަމުގެ ސިފަތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި އެކަމުން ދުރުވުމަށް މުއުމިނުންނަށް ބާރުއަޅުއްވައި ވަޞިއްޔަތް ކުރައްވާފައެވެ. މުނާފިޤުންގެ ސިފަތަކުގެ ތެރޭގައި އެންމެ ފާޅުކަން ބޮޑު ސިފަތަކަކީ ދޮގު ހެދުމާއި، އަމާނާތަށް ޚިޔާނާތްތެރިވުމާއި، ވަޢުދާ ޚިލާފުވުމެވެ.

ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އަދި ވަޢުދަށް ކަމޭހިތުމަކީ އިޖުތިމާޢީ އަޚްލާޤިއްޔާތުގެ އެންމެ މުހިއްމު ރުކުންތައް ކަމަށް ވެސް ބުނެވިދާނެއެވެ. މި ދެންނެވި ސިފަތަކާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކާއި ވާރިދުވެފައިވާ ޙަދީޘްފުޅުތައް ގިނަގުނައެވެ. ދޮގު ހެދުމުގެ ނުބައިކަމާއި އެއީ މުއުމިނެއްގެ ގައިގައި ހުރެގެން ވާނޭ ސިފައެއް ނޫން ކަން ވަރަށް ރަނގަޅަށް ބަޔާންކުރައްވާފައިވެއެވެ. ތެދުވެރިވުމުގެ މާތްކަމާއި، ތެދުވެރިންގެ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ. އަދި ޚިޔާނާތްތެރިކަމުގެ ނުބައިކަމާއި އަމާނާތްތައް އޭގެ އަހުލުވެރިންނާ ހަވާލުކުރުމުގެ މުހިއްމު ކަމާއި، ޤިޔާމަތުގެ ޢަލާމާތުގެ ތެރޭގައި އަމާނާތް އޭގެ އަހުލުވެރިން ނޫން މީހުންނާ ހަވާލު ކުރެވިގެން ދިޔުން ހިމަނުއްވާފައިވެ އެވެ.

ވަޢުދާއި ޢަހުދަށް ވަފާތެރިވުމުގެ މަތިވެރިކަމާއި ޢަދުއްވުންނާ މެދު ވެސް އެ ސިފަތައް ދަމަހައްޓައި ޢަދުލުވެރިވުމަށް އަމުރުކުރައްވާފައިވެ އެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މިއާ އިދިކޮޅު މަންޒަރުތަކެއް ފެނިގެން ދާ ކަމީ ނިހާޔަތަށް ހިތާމަ ހުރި ކަމެކެވެ. މުޖުތަމަޢުން ފެނިގެން ދަނީ މަކަރާއި ހީލަތާއި އޮޅުވާލުމެވެ. ނުއުފުއްލޭވަރުގެ އަމާނާތްތަކާ ހަވާލުވުމާއި ހަވާލުކުރުމެވެ. ޚިޔާނާތްތެރިވުމެވެ. ދޮގު ހެދުމެވެ. މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމެވެ. މީސްތަކުންގެ އަބުރާއި ޢިއްޒަތް ނަގައިލުމެވެ. މީހުންގެ މަސް ރޮލައި ކެއުމެވެ.

ސުވާލަކީ، މިއީ އިސްލާމީ މުޖުތަމަޢެއްގައި މިކަން އޮންނަން ޖެހޭ ގޮތްތޯއެވެ؟ އަޅުގަނޑުމެންގެ ތެދުވެރިކަން ކޮބައިތޯއެވެ؟ އަޅުގަނޑުމެން މާތް ﷲ އަށް ބިރުވެތިވާން ޖެހޭ ޖެހުން ކޮބައިތޯއެވެ؟ އަޅުގަނޑުމެން އާޚިރަތަށް އީމާން ވާ ވުން ކޮބައިތޯއެވެ؟ އާޚިރަތެއް ނެތީތޯއެވެ؟ ކަލަކު ވޮޑިގެން ނުވަނީތޯއެވެ؟ ހެޔޮގޮތާއި ނުބައިގޮތް ދީނުގައި ބަޔާންވެފައި ނުވަނީތޯއެވެ؟ އަޅުގަނޑުމެން މަރު ނުވާނީތޯއެވެ؟ އަޅުގަނޑުމެންގެ ވިސްނުން މާއްދިއްޔަތަށް ގޮސް ހުސްވާން ވީ ކީއްވެތޯއެވެ؟ މާއްދިއްޔަތަކީ ފަނާނުވާނެ އެއްޗަކީތޯއެ ވެ؟

މި ހުރީ ހައްތަހާ ވެސް ސުވާލުތަކެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާ ކުރަން ޖެހޭ ސުވާލުތަކެކެވެ. އަމިއްލަ ނަފްސު މުރާޖަޢާކުރަންވީއެވެ. ޣާފިލުކަމުގެ ނިދިން ހޭލަންވީ އެވެ. އަޅުގަނޑުމެންނަށް ދެވެނީ ނުބައި މަގަކުންކަން ދަނެގަންނަންވީ އެވެ. މާތް ﷲ މަތިން ހަނދުމަކުރަން ޖެހޭ މިންވަރަށް ހަނދުމަ ނުކުރެވެނީ ކަން ޤަބޫލުކުރަންވެއްޖެ އެވެ. ބިރުވެތިވާން ވީ މިންވަރަށް ބިރުވެތި ނުވެވެނީ ކަން ދަންނަން ވެއްޖެ އެވެ.

ނިފާޤުކަމުގެ ސިފައިން މުޖުތަމަޢު ދުރުކުރަން ޖެހެއެވެ. އީމާންކަމުގެ ރީތި ސިފަތަކުން މުޖުތަމަޢު ޒީނަތްތެރިކުރަން ޖެހެއެވެ. އިޖުތިމާޢީ އަޚްލާޤިއްޔާތުގެ މަތިވެރި ސިފަތައް ޤާއިމުވެފައި ހުރި މުޖުތަމަޢެއް ޤާއިމު ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަން ކަށަވަރެވެ.

ނޯޓު: މި ލިޔުމަކީ އޮގަސްޓް، 20، 2021 ގައި ނެރުނު ދީނުގެމަގު މަޖައްލާގެ 33 ވަނަ ޢަދަދަށް ލިޔެފައިވާ ލިޔުމެކެވެ. މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.