Last Updated: May 19, 18:46
Sunday, May 19, 2024
ޚަބަރު

މަސް ފެކްޓަރީތައް ލަސްކުރާކަމަށް ބުނުމުން ހިތްހަމަނުޖެހިއްޖެ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫގައި ހަދާ ގޭދޮށު މަސް ފެކްޓަރީގެ ލަސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ)ގެ ކުންފުނީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވުމުން، އެކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ހިތްނުޖެހުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖްލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ ވަޓްސް އަޕް ގްރޫޕްގައި މެމްބަރުންގެ މެދުގައި ޒުވާބު ފެށުނީ އަންގާރަ ދުވަހުގެ ރޭ ހިތަދޫގައި ހުންނަ ރައީސް ނަޝީދު އޮފީހުގައި ބޭއްވި އިންތިޔާޒު ފަހުމީގެ ކެމްޕެއިން ހަރަކާތެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އައްޑޫގެ ތަރައްޤީގެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.

އިލްޔާސްގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ އަނދުން ހުސެއިން ވިދާޅުވީ އިލްޔާސް ލަބީބު މަސް ފެކްޓަރީގެ ވާހަކަ ދެއްކެވުމުން ގަންނަނީ ލަދު ކަމަށެވެ.

"އިލްޔާސް ލަބީބު މަސް ފެކްޓަރީގެ ވާހަކަ ދެއްކެވުމުން އަޅުގަނޑުމެން ގަންނަނީ ލަދު، ތިން މަސް ފެކްޓަރީ ހަދަން އިންޑިއާގެ ހިލޭ އެހީގައި ފައިސާ ހޯދައި، ކައުންސިލާއި އެ ހަވާލު ކުރި ސަރުކާރުން، ޕްރޮޖެކްޓު ކޮންސަލްޓެންޓަކީ ސާބެގެ ރިޔަން ކުންފުނި، ނުވާވަރު ބަޔަކާއި ޕްރޮޖެކްޓު ހަވާލުވީ ރިޔަންގެ އިހްމާލުން" ހުސެއިން ވިދާޅުވިއެވެ.

އެ ވާހަކަ ތަކާއި ގުޅުވައިގެން ނިހާދު އިތުރަާށް ވިދާޅުވީ އައްޑޫގެ ލޭންޑު ޔޫސް ޕްލޭން ހަދަން ނަގާފައި އެ ވެސް ރިޔަން އިން ފޮނުވާލީ ޖައްވަށް ކަމަށެވެ.

އަދި އަނދުން ހުސެއިން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނަޝީދު ވިދާޅުވީ ގާތް މީހުންނަށް ބައި އަޅަން ހަދައިގެން މިތިބީ ބޮޑި ބޮއިފަކަމަށެވެ. 

ނަޝީދު އެގޮތަށް ވިދާޅުވުމުން ނިހާދު ވިދާޅުވީ ރައީސް ނަޝީދު ދެއްކެވީ ރަނގަޅު ވާހަކަފުޅެއް ކަމަށާއި، އިލްޔާސް ލަބީބުގެ އެދުމަށް ސާބެއަށް ޕްރިޖެކްޓު "އޮޅާފަ ދިނީމަ" މަސް ފެކްޓަރީ އަތަށް ގޮވައިފި ކަމަށެވެ.

ނަޝީދު ވަނީ ނިހާދުގެ ވާހަކަތަކަށް ވަރަށް ކޯފާ އިސްކުރައްވައި ޖަވާބު ދެއްވާފައެވެ.

"ނިހާދު އަޅުގަނޑު ގާތު ފާޑުފާޑު ވާހަކަ ތިޔަ ދައްކަވަނީ މިކަން ވީގޮތް އޮޅިގެން ނޫޅެން. ނިހާދަކަށް ނުޖެހޭ އަޅުގަނޑަށް ރައްދު ދޭކަށް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް ވިދާޅުވީ އިއްޒަތާއި، އަބުރު ކަރާމާތަކީ މާލެ އާއި މާލެ ކައިރީ ރަށްތަކުގެ ބޮޑުންގެ އެކަނި އެއްޗެއްތޯ ސުވާލު އުފައްދާފައެވެ. އަދި ޕާޓީއަށް އެތައް މަސައްކަތް ކުރި ބަޔަކު ވަގުންނަށް ހަދައި މުލި ޕާޓީ ފުނޑާލައި، ވަކި ބަޔަކާއި ދިމާލަށް ވަގު ތީޒު އަމާޒުކޮށް ވާހަކަ ދެއްކީމަ ހުތު ކަމަށެވެ.

ގައުމީ މަޖްލިސްގެ އެހެން މެމްބަރުން ވެސް ވަނީ ވަކި ބަޔަކު ދައުަލަތުން ނާޖާއިޒު ފައިދާ ހޯދުމަކީ މައްސަލައެއްކަމަށް ނަޝީދަށް ނުފެންނަ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. އެގޮތުން އިލްޔާސް ލަބީބު އާއި އިލްޔާސްގެ ބޭބެއަށް ސާކު ސަމިޓި ތެރޭ ދިން ފައިސާތަކުގެ ވާހަކަ ދައްކާފައެވެ.

އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ގާތް މީހުންނަށް ރިސޯޓު ހަދަން ރަށްދީ، ދަތުރުފަތުރު ކުރުމަށް ބިޑު ކުރުމެއް ނެތި ދިންކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު އާއި އަރިސް އިނގިރޭސިވިލާތުގެ ބައިވޯޓާ ކުންފުންޏަށް 33 މިލިއަން ޑޮލަރު އައްޑޫ ފެނާއި ނަރުދަމާ އެޅުމަށް ދިންކަމަށް ވިދާޅުވެފައެވެ.