ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.
ރަމަޟާންމަހު ކޮންމެ ދުވަހަކު ހަވީރު މިނިސްޓަރ ގެނެސްދެއްވާ ނަސޭޙަތުގެ ބަސްކޮޅުގައި މިއަދު ފަހު ދިހައާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ ރަސޫލާ ﷺ ހަދީޘް ކުރައްވަނީ ލައިލަތުލް ޤަދްރިވިލޭރޭ ހޯދުމަށްޓަކައި ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި މަސައްކަތްކުރަން ކަމަށެވެ. އެގޮތުން ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތުގައި އުޅޭއިރު ވަގުތު ހެޔޮ ގޮތުގައި ހިފިދާނެ ކަމަށާއި ގޭތެރޭގައި ނުވަތަ އޮފީހުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ދިޔުމުގައި ވެސް ދުޢާ ކުރުމާއި ޒިކުރު ކުރުމާއި ތަސްބީޙަކިއުން މަތީ ދެމިތިބެވޭނެ ކަމަށެވެ.
އެގޮތުން ވީހާވެސް ގިނައިން މަސައްކަތް ކުރަންޖެހޭނީ ހެޔޮ އެއްޗެއް ކިޔެވޭތޯ ކަމަށާއި މިރޭ ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާއިރު ވީހާވެސް ގިނައިން އަޅުކަމުގައި ވަގުތު ހޭދަކުރެވޭތޯ ބަލަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ. އަދި ރަސޫލާ ﷺ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރަން ޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.