Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ހައްޖު ކޯޓާ މި އަހަރު މަދުވާނެ

ރާއްޖެ އަށް މި އަހަރު ލިބޭ ހައްޖު ކޯޓާ މަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ސައުދީން ރާއްޖެއަށް އާންމުކޮށް ދެމުން އައީ 1،000 ކޯޓާ އެވެ. އެކަމަކު ބައެއް އަހަރުތަކުގައި އެއަށް ވުރެ އިތުރަށް ވެސް ކޯޓަށް ދީފައިވެ އެވެ. އެކަމަކު މި އަހަރު ކޯޓާ ލިބޭ އަދަދު ،މަދުވާނެކަން ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ދައުލަތު މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އަހަރު ރާއްޖެ އަށް ލިބޭ ކޯޓާގެ އަދަދު ކުރީގެ ނިސްބަތަށް ވުރެ 45 ޕަސެންޓް މަދުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެކަމަކު ކޯޓަށް އިތުރުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ސައުދީން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ މިލިއަން މީހުންނަށެވެ. މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ބަލިމަޑުކަމާ ހެދި ހައްޖުގެ އަޅުކަމަށް ބުރޫ އަރައި، ހައްޖުގެ ފުރުސަތު ލިބޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކޮށްފައިވެ އެވެ.

ކުރިން އާންމުކޮށް އެވްރެޖްކޮށް ދުނިޔޭގެ އެކި ގައުމުތަކުން 2.5 މިލިއަނެއްހާ މީހުން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރެ އެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ސައުދީން ފުރުސަތު ހުޅުވާލީ ސައުދީގައި އުޅޭ 600،000 މީހަކަށެވެ.