Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

"އިންޑިއާ އައުޓް" އާ ހެދި ޓީޗަރަކު ސަސްޕެންޑްކޮށްފި

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅުވައިގެން އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރު ޝެއިހް ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓްތަކަކާ ހެދި އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

އެޑިއުކޭޝަން އޭނާ އިއްޔެ ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށް މަސް ދުވަހަށެވެ.

ޒަމްޒަމް ސަސްޕެންޑްކޮށް މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައި އޮތީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ގޮންޖަހައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް ޒަމްޒަމްގެ އަމިއްލަ އެކައުންޓުން އިއްޔެ ޓުވީޓްތަކެއް ކޮށްފައިވާ ކަމަށެވެ.

"މި ކަމަކީ ދިވެހި ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި، ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމަކަށް ވީ ހިނދު، އަދި މީގެ ކުރިން ވެސް މި ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް އިރުޝާދުދީ ނަސޭހަތްތެރިވެފައި ވެ އެވެ." ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ފޮނުއްވި ލިޔުމުގައިވެ އެވެ.

"އިންޑިއާ އައުޓް" ޖެހި ބެނާތައް ފުލުހުން ނުކުމެ މިހާރު ނަގަމުންދާތީ އެކަމާ ގުޅުވައިގެން ޒަމްޒަމް ކުރެއްވި ޓްވީޓަތެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ތިމާގެ އަމިއްލަ ގެދޮރުގައި ދަމާ ބެނާއެއްގައި، ބޭރުގެ ގައުމެއްގެ ނުފޫޒާއި އަޅުވެތިކަން ރާއްޖޭގައި އޮތަތީ ކަންބޮޑުވުން ފާޅުކުރުމަކީ ޤާނޫނީ ކުށަކަށް ނުވާ ހިނދު، އެކަމަށް ހުރަސްއެޅުމީ ޣައިރު ޤާނޫނީ އަމަލެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އަސާސް ކަމުގައިވާ އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓު ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ޤާނޫނާ ޚިލާފަށް މި ޤައުމަށް އަރައިތިބި އިންޑިއާ ސިފައިން މިޤައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނިގެން މިއުޅެނީ." އޭނާ ވިދާޅުވި އެވެ.

ޓްވީޓްތަކާ ގުޅިގެން މިނިސްޓްރީން އެޅި ފިޔަވަޅާ ގުޅިގެން ޒަމްޒަމް ވިދާޅުވީ އެއީ ގަވައިދާ ހިލާފަށް އެޅި ފިޔަވަޅެއް ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.