Last Updated: April 23, 21:11
Tuesday, April 23, 2024
ރިޕޯޓް

ދޮގު ވަރަޢަވެރިކަމަކީ ކޮބާ؟

ދިވެހި ބަސްފޮތުގައި ވަރަޢަވެރިކަން މާނަކޮށްފައި ވަނީ ތަޤްވާވެރިކަމާއި ދީންވެރިކަމުގެ މާނައިގަ އެވެ. ނަމަވެސް މިއީ އެ މުޞްތަލަޙުގެ ޢާންމު މާނަކަމަށް ބުނެވިދާނެ އެވެ.

ދީނީ ނަޒަރަކުން ބަލާ އިރު، ވަރަޢަވެރިކަމުގެ ޚާއްޞަ މާނައަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަންކަމުން ދުރުވުމާއެކު، މަކްރޫހު ކަންކަމުންވެސް ދުރުވުމެވެ. މާނައަކީ، އެކަމަކީ، ޙަރާމްކަމަށް ވިޔަސް ނުވިޔަސް، ނޭދެވޭ ހުރިހާ ކަމަކުން ދުރުހެލިވުމެވެ.
ވަރަޢަވެރިކަން ދެބަޔަކަށް ބެހިދާނެއެވެ. އެއީ ތެދުވެރި ވަރަޢަވެރިކަމާއި، ދޮގުވެރި ވަރަޢަވެރިކަމެވެ. ނުވަތަ ތެދުވަރަޢަވެރިކަމާއި ދޮގުވަރަޢަވެރިކަމެވެ.

ދޮގު ވަރަޢަވެރިކަމަކީ، ހަމައެކަނި ބޭރުފުށުން ދައްކާ ދެއްކުމެކެވެ. ބޭރު ފުށުން ތިމާޔަކީ ވަރަށް ދީންވެރި މީހެއްކަން ދެއްކުމެވެ. މީހުންގެ ތެރޭގައި އުޅޭއިރު، ތިމާޔަކީ މާތް ﷲ އަށް ވަރަށް ތަޤްވާވެރި މީހެއްކަމުގައި ދައްކައިގެން އުޅުމެވެ. ތިމާޔަކީ، ހަމައެކަނި ޙަރާމް ކަންތަކުން ދުރުވެ ހުރި މީހެއް ނޫން ކަމާއި މަކްރޫހަ އަދި ނޭދެވޭ ހުރިހާ ކަމަކުންވެސް ދުރުވެ ހުރި އަދި އެކަންކަމަށް ނުރުހުންތެރިވާ މީހެއްކަން ދެއްކުމެވެ.

ނަމަވެސް، އެކަނިވާ ހިނދު، އެފަދަ މީހަކީ، މާތް ﷲ ޙަރާމްކުރެއްވި އެންމެ ބޮޑެތި ފާފަތަކަށް އަރައިގަތުމަށް ވެސް އެއްވެސް ޖެހިލުމެއް ނުވާ މީހާއެވެ. އެފަދަ ވަރަޢަވެރިކަމަކީ ދެއްކުންތެރިކަމެވެ. އެއީ ދޮގު ވަރަޢަވެރިކަމެކެވެ.

ތިމާގެ ބޭރުފުށަށް ސަމާލުކަން ދޭ ގޮތަށް، އެތެރެފުށަށް އެއަށްވުރެ ބޮޑަށް ސަމާލުކަން ދޭން ވާނެއެވެ. ތަޤްވާވެރިކަމާއި ވަރަޢަވެރިކަމާއި ދީންވެރިކަމުގެ އަޞްލު އުފެދިގެން އަންނަނީ ހިތުގައެވެ. ބޭރުފުށުން ފެންނަނީ އެކަންކަމުގެ މޭވާ އެވެ.

އެހެންކަމުން، ހިތްނިޔަތުގެ ސާފުކަމާއި، ތަޤްވާއާއި ވަރަޢަވެރިކަމުގެ ތެދުވެރި އޮށް ހިތުގައި އިންދުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އެފަދަ މީހަކަށް ޙަޤީޤީ ވަރަޢަވެރިކަން ހާސިލުވާނެއެވެ. މަޚްލޫޤުންނަށް އޭނާ ލަދުގަންނަ ވަރަށް ވުރެ ބޮޑަށް، މާތް ﷲ އަށް އޭނާ ލަދުވެތިވާނެއެވެ. އޭނާ ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަޤްވާވެރިވާނެއެވެ. ބިރުވެތިވާނެ އެވެ. ފާޙިޝް ހަޑިހުތުރު ނޭދެވޭ ކަންކަމަށް އަރައިގަތުމަށް ޖެހިލުން ވާނެއެވެ. އެއީ އޭނާ އެކަނި ހުއްޓަސް ވެހެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހެޔޮ ރަނގަޅު ދީނީ މުޖުތަމަޢަކަށް ހެދުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ތެދުވަރަޢަވެރިއަކަށް ވުމަށް މަސައްކަތް ކުރަން ޖެހެއެވެ. ތެދުވެރި ވަރަޢަވެރިންގެ ގޮވައްޗަކީ ސުވަރުގެ ކަމާމެދަކު ޝައްކެއް ނެތެވެ.

ނޯޓު: މި ލިޔުމަކީ ފެބުރުއަރީ 12، 2021 ގައި ނެރުނު ދީނުގެމަގު މަޖައްލާ އަށް ލިޔެފައިވާ ލިޔުމެކެވެ. މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.