Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މި އަހަރު ރާއްޖެ އަށް 453 ހައްޖު ކޯޓާ

ރާއްޖެ އަށް މި އަހަރު ހައްޖު ކޯޓާގެ ގޮތުގައި ދޭން ނިންމާފައީ 453 ޖާގަ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ކޯޓާ ދީފައިވާ ގޮތާ ގުޅޭ ގޮތުން ސައުދީ ރަސްމީ ފަރާތްތަކުން އާންމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން ރާއްޖޭގެ ހައްޖު ކޯޓާ އަކީ 453 އެވެ. އެހެންވެ މިއަދަދު ވާނީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން އެންމެ މަދުން މީހުން ހައްޖަށް ދާން ފުރުސަތު ލިބުނު ފަހަރަށެވެ.

ރާއްޖޭގެ ކޯޓާ އަކީ 453 ކަމަށް ސައުދީން އާންމުކުރި ލިސްޓްގައި ހިމަނާފައި އޮތަސް އެކަން އަދި ރަސްމީކޮށް ނާންގާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އިސްލާމިލް މިނިސްޓަރު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އަހަރުގެ ހައްޖު ކޯޓާ ބޮޑު ތަނުން މަދުވާނެކަން ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އަށް ލިބޭ ކޯޓާގެ އަދަދު ކުރީގެ ނިސްބަތަށް ވުރެ 45 ޕަސެންޓް މަދުވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ކޯޓަށް އިތުރުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ސައުދީން ރާއްޖެއަށް އާންމުކޮށް ދެމުން އައީ 1،000 ކޯޓާ އެވެ. އެކަމަކު ބައެއް އަހަރުތަކުގައި އެއަށް ވުރެ އިތުރަށް ވެސް ކޯޓަށް ދީފައިވެ އެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމާފައީ ވަނީ އެއް މިލިއަން މީހުންނަށެވެ.