Last Updated: May 2, 17:44
Thursday, May 2, 2024
ރިޕޯޓް

ޒިންމާދާރުކަން ކުޑަ ތަހުގީގެއް، ދުވަސްވީ މީހަކަށް ބޭއިންސާފު އަނިޔާ!

އުމުރުން 59 އަހަރުގެ އާމިނަތުދިޔެ (އާމިންދައްތަ)އަށް މިދިޔަ މަހުގެ 24 ވަނަ ދުވަހަކީ ބިރުވެރި އަދި ހިތްދަތި ދުވަހެކެވެ. މުޖުތަމައު ވެސް އެކަމަކަށް ނަފްރަތުކުރާ މުޑުދާރު އަމަލެއްގެ ތުހްމަތުގައި އާމިންދަތައް ފުލުހުން ހައްޔަރުކުރުންވީ ގަބޫލުކުރަންވެސް ދަތި އުނދަގޫ ކަމަކަށެވެ. ކޯޓުގެ އަމުރެއްގެ ދަށުން ކަމަށްބުނެ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ފާފައެއްް ކުރިކަމުގެ ތުހްމަތުގެ ތަހްގީގަށެވެ. އޭގެ ފަހުން އޭނާއަށް އެނބުރި ގެއަށް އާދެވުނީ 23 ދުވަހު ކުޑަގޮޅީގައި އޮތުމަށްފަހުއެވެ. އާމިންދައްތަ ގެއަށް ގެންނަން ފުލުހުންނަށް ޖެހުނީ އެމީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވުން ދައުވާކުރާނެ އެއްވެސް ހެއްކެތް ނެތް ކަމަށްބުނެ މައްސަލަ އަނބުރާ ފޮނުވާލުމުންނެވެ. ކުށެއް ނެތް އުމުރުން ދުވަސްވީ އެ އަންހެން މީހާ ޒިންމާދާރުކަން ކުޑަ އަމެލެއްގެ ޝިކާރައަކަށްވީ އެވެ. އެހެން ބުނަން ޖާގަ ލިބެނީ ފުލުހުން އަމަލުކޮށްފައިވާ ގޮތުންނެވެ.

ފުރަތަމަ ހައްޔަރުކުރީވެސް ކުއްޖާގެ ބަޔާނެއް ނެތި، މުއްދަތު މަޖިލީހުގައިވެސް ބަޔާން ހުށަނާޅާ

އާމިންދައްތަ ހައްޔަރު ކުރަން ފުލުހުން ކޯޓުގައި ފުރަތަމަވެސް އެދުނިއިރު އޮތީ ހަމަ އެކަނި ކުއްޖާގެ މަންމަ އާއި ސްކޫލްގެ ބުނާ ބުނުމަށް އެކަންޏެވެ. އޭރު ބަންދުކުރުމުގެ ކުރިން ކުއްޖާއާ ފުލުހުން ސުވާލެއްކޮށްފައެއްނުވެ. އެހެން ކަމުން ކުއްޖާއާ ސުވާލު ނުކޮށް ފުރަތަމަވެސް އާމިންދައްތަ ހައްޔަރުކުރުމަކީ ހެދި ގޯހެއް ކަމަށް ބައެއް މީހުންދެކެ އެވެ.

ބަންދުގެ މަޖިލީހުގައި ފުރަތަމަ ވެސް ޝަރީއަތް ނިމެންދެން ބަންދަށް އެދުން

މި މައްސަލައިގައި ބަންދުކުރި އާމިންދައްތަގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާދިނުމުގެ އަމުރެއް ނެރޭށެވެ. ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ކޯޓަށް ގޮސް އެދުނު ގޮތައް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރުނެވެ. ނަމަވެސް ކޯޓުން ނެރުނު އެ އަމުރު ބާތިލްކުރުމަށް ހައިކޯޓަށް އާމިންދައްތަގެ ފަރާތުން ހުށައެޅުމަށްފަހު އެންމެ ބޮޑަށް ދެއްކީ ގާނޫނުގައިބުނާ ކަންކަމަށް މެޖިސްޓްރޭޓްކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމެވެ. އެގޮތުން "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު"ގައި މީހަކު ބަންދުގައި ބެހެއްޓުމުގައި ކޯޓުން ރިއާޔަތްކުރާވާނެ ކަންކަމަށް އެއްވެސް ވަރަކަށް މެޖިސްޓްރޭޓް ކޯޓުން ބަލާފައިނުވާކަމަށް އާމިންދައްތަގެ ފަރާތުން ކޯޓުގައި ބުންޏެވެ.

ތަހްގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި މީހަކު ދެމެހެއްޓުމަށް ކޯޓުން ރިއާޔަތްކުރަންވާނެ ކަންކަން:

(ހ) ސިއްހީ، ނަފްސާނީ، އަދި ސައިކިއޭޓްރީއާގުޅޭ ދާއިރާގެ ތަޖުރިބާކާރުން އެކަމާގުޅޭގޮތުން ދެކޭގޮތް.

(ށ) ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާ ކޮށްފައިވާ ކުށް.

(ނ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ ކޮށްފައިވާ ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ކުއްޖާގެ ހާލަތާއި އެކުއްޖާގެ އުމުރު.

(ރ) ކުށް ކޮށްފައިވަނީ، ކުޑަކުއްޖާއަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކުކަން ނުވަތަ ނޫންކަން.

(ބ) ކުށުގެ ތުހުމަތުކުރެވޭ މީހާގެ މާޒީގައި، އޭނާގެ މައްޗަށް އެފަދަ ކުށުގެ ތުހުމަތު އުފުލިފައިވާކަން ނުވަތަ ނޫންކަން.

(ޅ) އެކުށް ތަހްގީގުކުރުމަށް އޭނާ އެހީތެރިވެދީފައިވާ މިންވަރު.

(ކ) ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ޖިނާއީ ކުށުގެ ރެކޯޑު.

(އ) ތަހްގީގުގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާގައި ބަންދުގައި ނުބަހައްޓައިފިނަމަ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އިތުރު ކުށެއް ކޮށްފާނެކަމަށް ނުވަތަ ހެކި ފޮރުވަފާނެކަމަށް ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭ ނިސްބަތުގެ ބޮޑުކަން.

(ވ) މައްސަލައާ ގުޅުންހުރި އެހެނިހެން ހެއްކާއި ގަރީނާއާއި ހާލަތު.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެ ބާވާތުގެ މައްސަލައިގައި ކޯޓުން ކަނޑައަޅާ ސައިކިއޭޓްރިސްޓަކު ނުވަތަ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މީހަކު އައްޔަންކޮށްގެން، އެމީހަކު އެކަމާމެދު ދެކޭގޮތް އޮޅުންފިލުވުމުގެގޮތުން އެމީހެއްގެ ރިޕޯޓަކަށް އެދުމަކީވެސް ތަހްގީގު މަރުހަލާގައި މީހަކު ބަންދުގައި ބެހެއްޓުމުގައި ކޯޓަށް ކުރެވިދާނެ ކަމެއް ކަމަށް އެ ގާނޫނުގައި ބުނެ އެވެ. ނަމަވެސް މި މައްސަލައިގައި ކޯޓުންނާއި ފުލުހުންވެސް އާމިންދައްތަ އާ މެދު އަމަލު ކޮށްފައިވަނީ އެންމެ ކަން ފަސޭހަ ގޮތައް ކަމަށް ބުނެވިދާނެ އެވެ.

އާމިންދައްތަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަދޭން އެދުނުއިރުވެސް ފުލުހުން ކުއްޖާގެ ބަޔާނެއް ކޯޓަށް ހުށައަޅާފައެއްނުވެ އެވެ. ނަމަވެސް އޭރު ފުލުހުން ބުނާގޮތުން ކުއްޖާއާ އޮތީ ސުވާލުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު އަދި ކުއްޖާ ބުނާއެތި ފުލުހުންނަށް އެނގުމަށްފަހު ވެސް އެއީ ކިހާވަރެއްގެ ތެދެއްކަން ދެނެގަތުމަށް އާމިންދައްތައާ ސުވާލުނުކޮށް މަޑުކުރުމަކީ އެންމެ ގިނަ ބަޔަކު ކަންބޮޑުވި އެއް މައްސަލަ އެވެ. ފުލުހުން އާމިންދައްތަ ކައިރި އޭނާގެ ވަކީލުން ބުނާ ފަދައިން "ހޭ ވެސް" އަހާލީ 21 ދުވަސް ފަހުންނެވެ. އާމިންދައްތަ ދިފާއު އަކީ ކޮބައިކަން ބަލަން އެހާ ދުވަސް ނެގީ ކީއްވެތޯ ސުވާލު އުފެދެ އެވެ. އާމިންދައްތަ އެބުނާ ދުވަހެއްގައި އެ ކުއްޖާ ގޮވައިގެން ފާހަނާއާ ހަމައަށް ނުދާކަން ހެކިންނާއެކު ބުނަމުންދިޔައިރު ފުލުހުންގާތު އެ ވާހަކަ ބުނަން ފުރުސަތު ލިބުނީ ބަންދުގައި އެތައް ދުވަހެއް ވީ ފަހުންނެވެ.

ނިމުނުއިރު ފުލުހުން އަތުގައި ހެކި ނެތްކަން ހާމަވި

އާމިންދައްތަގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަދޭން ފުލުހުން އެދުނީ އެ ނޫން ގޮތެއް ނެތިގެނެއްނޫނެވެ. އެ އަށްވުރެ ކުރު މުއްދަތަކަށް ބަންދުގައި ބަހައްޓައިގެންވެސްވެސް ހެކި ހޯދަން ފުލުހުން ބޭނުންވި ނަމަ މަސައްކަތް ކުރެވުނީހެވެ. ނަމަވެސް ފުލުހުން ކޯޓުގައި ބުނަމުން ދިޔައީ ޝަރީއަތް ނިމެންދެންވެސް ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ހެކި ލިބިފައިވާ ކަމަށެވެ.

"ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުނުއިރު ކޯޓުން ތަސައްވަރުކޮށްދީފައި އޮތީ. އާމިންދައްތަ މައްޗަށް ޝަރީއަތްވެސް ކުރެވޭ ވަރަށް ހެކިވެސް އެބަހުއްޓޭ، އެކަމު ނިމުނުއިރު މިއެނގުނީ އޭރު ވެސް ފުލުހުން އަތުގައި ދައުވާ ކުރެވޭނެ ވަރަށް ވެސް އޭރު ހެއްކެތް. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އޭރު އެދުނުއިރު މިހާރު މި އެނގެނީ ދައުވާ ކުރެވޭ ވަރަށްވެސް ފުލުހުން އަތުގައި ހެއްކެތް ނެތްކަން" އާމިންދައްތަގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ފުލުހުންގެ ޒިންމާދާރުކަން ކުޑަ މި ތަހްގީގާއެކު ނިމިގެން ދިޔައީ އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ޑޮކްޓަރުގެ ރިޕޯޓުން ދެއްކި ނަމަވެސް އެކަން ކުރި ކަމަށް ތުހްމަތު ކުރެވޭ އެހެން މީހަކުވެސް ނެތް ކަމަށްވެގެންނެވެ.

އެ ހުރިހާ ކަމެއް ނިމުނީ ޒިންމާދާރުކަން ކުޑަ ތަހްގީގަކާ ފަރުވާކުޑަ އަމަލުތަކެއްގެ ޝިކާރައަކަށް ދުވަސްވީ އަންހެން މީހަކު ވެގެންނެވެ. އެ ކުއްޖާއަށް ހަގީގަތުގައިވެސް ޖިންސީ ގޯނާކޮށްފައިވާނަމަ އެކަން ހޯދުމުގައި ފުލުހުންވެފައިވަނީ ކޮން އިހްމާލެއްކަން އެނގޭނީ އޭގެ އެކަމުގެ ތެރެއަށް ފުލުހުންގެ މަސައްކަތްބެލުމަށްތިބި މުވައްސަސާއަކުން ވަދެގެނެވެ. ހަމަ ޔަގީނުންވެސް ކުށެއް ނެތް މީހަކު ކުޑަގޮޅިއެއްގައި ބޭއްވުމުގެ ސަބަބުން ނަފްސާނީ ގޮތުން އެމީހާއަށް އަސަރުތަކެއް ކޮށްފި އެވެ. ނުވިތާކަށް ބަންދުގައި ބެހެއްޓި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއްގެ ފަރާތުން އިވުނު ބަސް ވެސް އެއީ އާމިންދައްތަގެ ހިތުން ފިލައިގެންދާނެ ބަހަކަށްނުވާނެކަން އޭނާގެ ވާހަކައިން އެނގެ އެވެ.

"ފުލުސް މީހަކު ބުނި ތި އުމުރުގައިވެސް އުޅޭ ގޮތަކުންނޫންހޭ ތިހެން ވާންޖެހެނީ." އާމިންދައްތަ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. ކުށެއް ނުކުރާ މީހަކާ ދިމާލަށް އެމީހާ ކުށް ކުރިކަމަށް ގަބޫލުކުރާ ބީދައިން ފުލުހަކު ދިމާކުރުމުން ކުރާނެ ހުރިހާ އަސަރެއް އާމިންދައްތަކުރިކަން އެ އިންޓަވިއުގައި އޭނާ ކިޔާދިފައިވާ ވާހަކަތަކުން އެނގެ އެވެ. ފުލުހުން އިންސާފު ގާއިމުކޮށްދިނުމުގެ ނަމުގައި ނޫނީ ތަހްގީގުކުރުމުގެ ނަމުގައި ކުރާ ކަންކަމުން އިތުރު އަނިޔާއެއް ލިބުމަކީ އާއްމުން ގަބޫލުކުރާނެ ކަންކަމެއް ނޫނެވެ. އެކަން މި މައްސަލައިގައިވެސް ފެނިގެންދިޔަ އެވެ.