Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ސަރުކާރު ވައްޓާލަން އެމްޑީޕީ މެމްބަރުން ނޭދޭނެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން އެމްޑީޕީ މެމްބަރުން ބޭނުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) އާއި އޭނަގެ ކެމްޕޭން ޓީމުން ސަރުކާރަށް ފާޑުކިޔައި ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކޮށް ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ވައްޓާލައި، އަނިޔާ ލިބެން އެމްޑީޕީގެ މެމްބަރުން މަގުމައްޗަށް ނުކުންނަން ވެސް ބޭނުން ނުވާނެ ކަމަށެވެ.

"[މިއީ] އެމްޑީޕީގެ މެމްބަރުން ހަތް އަހަރު ވަންދެން އަނިޔާ އާއި ވޭނުގައި އުޅެ ޖާނާއި މާލުން ގުރުބާންވެގެން ގެނައި ސަރުކާރެއް." އޭނާ ވިދާޅުވި އެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް ފައްޔާޒް އިސްމާއީލަށް ތާއިދުކުރައްވާ ނިހާދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވާނީ ސަރުކާރާ އެކު ޕާޓީ ހިންގައި އުފާވެރިކަން ލިބިގަންނަން ކަމަށެވެ.