ޒުވާނުން ހަލާކުވަމުންދާ ކަމަށް ބުނެ ޓިކްޓޮކާއި ޕަބްޖީ އަފްގާނިސްތާނުގައި މަނާކޮށްފި އެވެ.
މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ހަރުކަށި ތާލިބާންގެ ވެރިކަމެއް އޮތް ގައުމުން ބުނީ ޓިކްޓޮކް ފަދަ އެއްޗެހީގައި ހިމެނޭ ބޭއަދަބީ ކޮންޓެންޓްތަކާއި ދެވިހިފާ ޕަބްޖީ ގޭމަކީ ޒުވާނުންގެ ހަލާކު ކަމަށާއި އެ އެއްޗެހީގެ އަވާގައި ޖެހި ޒުވާނުން މަގުން ކަސިޔާރުވަމުން އަންނަ ކަމަށެވެ.
އެހެންވެ ޓިކްޓޮކާއި ޕަބްޖީ މަނާކުރުމަށް ފަހު ވަނީ އާންމު މިންގަނޑަށް ނުފެތޭ ކަމަށް ގަބޫލުކުރެވޭ ކޮންޓެންޓްތައް ޓީވީ ޗެނެލްތަކުން ގެނެސްދޭ ނަމަ ޗެނެލްތައް ވެސް ހުއްޓުވާނެކަމުގެ އިންޒާރު ދީފަ އެވެ.
ތާލިބާންގެ ތަރުޖަމާނު އިނާމުއްﷲ ސަމަންގާނީ ވިދާޅުވީ ޓިކްޓޮކާއި ޕަބްޖީ މަނާކުރީ އެކަން ކުރަން މަޖުބޫރުވެގެން ކަމަށެވެ.
ތާލިބާން ވެރިކަމަށް އައި ފަހުން އަފްގާނިސްތާނުގައި ވަނީ ފިލްމާއި މިއުޒިކާއި ޑްރާމާ ސިލްސިލާތައް ވެސް މަނާކޮށްފަ އެވެ. އަދި އެ ޖަމާއަތުން ވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ލިބިދޭ ހައްގުތައް ވެސް ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.