Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ބަޔަކު އިސްލާމީ ތައުލީމު ފޮހެލަން އުޅޭ: އިޔާޒް

އަރަބި އިސްލާމީ ތައުލީމު ރާއްޖޭގައި ފޮހެލަން މަސައްކަރްކުރާ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި ސަރުކާރުން ނެރުނު ގަރާރަށް ގޮންޖަހާފައިވާ ކަމަށް ތުހުމަތުކޮށް އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރު ޝައިހް ޒަމްޒަމް ފާރިޝް މަސް ދުވަހަކަށް އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑްކުރި މައްސަލައާ ގުޅުވައިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ތައުލީމު އުނގަންނައިދޭ ޓީޗަރަކު ސަސްޕެންޑްކުރުމަކީ އަރަބި އިސްލާމީ ތައުލީމު ފޮހެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ބަޔަކު ހިންގާ މުޑުދާރު ޖަރީމާތަކެއްގެ ބައެއް ކަމަށެވެ.

"މާތްﷲ އަޅަމެންނަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި. މައްކަރުންގެ ރޭވުންތައް ފެއިލްކުރައްވާ އެބައިމީހުން ނިކަމެތި ކުރައްވާށި. އާމީން." އޭނާ ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ ޒަމްޒަމްއާ ބައެއް ކަހަލަ މައްސަލަތަކުގައި ޚިޔާލު ތަފާތު ނަމަވެސް އޭނާ އަކީ ދީނީ އިސްލާހީ މަސައްކަތްތަކުގައި ވަރަށް އިހުލާސްތެރި، ތެދުވެރި އަދި ވަފާތެރި ބޭފުޅެއް ކަމަށެވެ.

"ދެ ހާފިޒުންގެ ބައްޕައެއް. އެޑިއުކޭޝަނުން އޭނާއާ މެދު އަޅާފައިވާ ޣައިރު ޤާނޫނީ ފިޔަވަޅުގެ އަޞްލަކީ ވެސް އެއީ،" އޭނާ ވިދާޅުވި އެވެ. "الله އަށް ތަޤްވާވެރިވެއްޖެ މީހާ އަށް މަގު ދައްކަވާނެކަމާއި ހީވެސް ނުކުރާ ގޮތްގޮތަށް ރިޒްޤު ތަނަވަސްކޮށް ދެއްވާނެކަމުގެ ޔަގީންކަން ޤުރްއާނުގައި ދެއްވާފައިވޭ. ޒަމްޒަމް ކަންބޮޑުވެ ނުލައްވާތި. އެޑިއުކޭޝަނަށް ވަޒީފާ ހިފެހެއްޓުނަސް اللهގެ ރިޒްޤު ބަންދެއް ނުކުރެވޭނެ."

އޭނަ އަށް އެޅި ފިޔަވަޅާ ބެހޭ ގޮތުން ޒަމްޒަމް ވިދާޅުވެފައި ވަނީ ގަވައިދާ ހިލާފު ފިޔަވަޅަކަށްވާތީ އެކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. އެޑިއުކޭޝަނުން އޭނާ 30 ދުވަހަށް މިދިޔަ ބުދަ ދުވަހު ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގޭގައި ދެމި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގުމުން އެކަމާ ވެސް ގުޅުވާފައި ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.