Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ރޮނާލްޑޯގެ އާ ދަރިފުޅާ އެކީ އާއިލީ ފޮޓޯއެއް

ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އާއިލާ އަށް އިތުރުވި އާ މެމްބަރަކާ އެކު ނަގާފައިވާ އާއިލީ ފޮޓޯއެއް އާންމުކޮށްފި އެވެ.

މެންޗެސްޓާ ޔުނައިޓެށް ކުޅޭ ކުޅުންތެރިޔާ އާންމުކުރި މި ފޮޓޯގައި ފެންނަނީ މިދިޔަ ހަފުތާގައި ލިބުނު އަންހެން ދަރިފުޅާއި ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒާއި އަނެއް ހަތަރު ކުދިން އިށީނދެގެން ފޮޓޯއަށް ހިނިތުންވެގެން ތިބޭ ތަނެވެ. އަލަށް ލިބުނު އަންހެން ދަރިފުޅާ އެކު އެއްމާބަނޑު ފިރިހެން ކުއްޖަކު އުފަންވި ނަމަވެސް ވިހެއުމުގެ ތެރޭގައި އެ ކުއްޖާ ވަނީ މަރުވެފަ އެވެ. އަދި އެ ވާހަކަ ރޮނާލްޑޯ ސޯޝަލް މީޑިއާގައި ހާމަކުރުމުން އެ ހިތާމައިގައި އެތައް ބަޔަކު ބައިވެރިވެ، ހިތްވަރު ދީފައިވެ އެވެ.

އާއިލީީ ފޮޓޯއާ އެކީ ރޮނާލްޑޯ ވަނީ އެ ހިތްދަތި ވަގުތުގައި އެންމެންގެ ފަރާތުން ލިބުނު ހިތްވަރާއި ލޯތްބަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރޮނާލްޑޯ އަށް އެންމެ ފަހުން ލިބުނު ކުއްޖާގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. އޭނާގެ އެހެން ދަރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ، 11، އާއި މެޓިއޯ ރޮނާލްޑޯ، 4، އާއި އަލާނާ މާޓިނާ ޑޯސް ސަންޓޯސް އަލްވެރޯ، 4، ގެ އިތުރުން އީވާ މާރިއާ ޑޯސް ސަންޓޯސް، 4 އެވެ.