Last Updated: July 12, 14:13
Sunday, July 12, 2026
ވިޔަފާރި

ސީއެންއެން ޕްލަސް ހުއްޓާލަނީ

ސީއެންއެން ޕްލަސްގެ ނަމުގައި މިދިޔަ މަހު ލޯންޗްކުރި ސްޓްރީމިން ހިދުމަތް މަހެއްހާ ދުވަސް ފަހުން ހުއްޓާލަން ޖެހިއްޖެ އެވެ.

މިދިޔަ މަހުގެ 29 ގައި ލޯންޗްކުރި އެ ހިދުމަތް ހުއްޓާލަން ނިންމާފައި ވަނީ މި މަހުގެ 30 ގަ އެވެ. ޚަބަރުތަކަށް ހާއްސަ، ވަރަށް އުންމީދީ ޕްލެޓްފޯމެއްގެ ގޮތުގައި އާންމުންނަށް ދޫކުރި ސީއެންއެން ޕްލަސްގެ އުމުރު އެހާ ކުރުވީ ސީއެންއެން ހިންގަމުން އައި ކުންފުނި ވޯނާމީޑިއާ މިހާރު ޑިސްކަވަރީއާ އެއްކޮށްލައި، ވޯނާ ބްރޮސް ޑިސްވަރީގެ ނަމުގައި ހަދާފައިވާ އާ ކުންފުންޏަކުން މިހާރު ސީއެންއެން ހިންގާތީ އެވެ. އެކަން އިއުލާންކުރީ މި މަހުގެ 9 ގަ އެވެ.

އަނެއްކޮޅުން ކުރިން އުންމީދު ކުރި ވަރަށް ސީއެންއެން ޕްލަސް އަށް ސަބްސްކްރައިބަރުންނަށް ވެސް ނުލިބެ އެވެ. އަދި މިހާރު އާ ކުންފުނީގެ ދަށުގައި ސްޓްރީމިން ޕްލެޓްފޯމްތަކެއް ހުރުމާ އެކީ ސީއެންއެން ޕްލަސް ހުއްޓައިލަން ނިންމީ އެވެ.

އެ ހުއްޓާލަން ނިންމިކަން އިއުލާންކޮށް ބުނީ ސަބްސްކްރައިބަރުން ދެއްކި ފައިސާ ރިފަންޑްކޮށްދޭނެ ކަމަށެވެ.

ކުއްލި ގޮތަަކަށް ސީއެންއެން ޕްލަސް ހުއްޓައިލަން ޖެހުމުން އެތައް ބައެއްގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ. ނަމަވެސް ބުނީ އެ މީހުންނަށް އިތުރު ގޮތްތަކެއް ހޯދައިދޭނެ ކަމަށާއި ކުރިއަށް އޮތް ތިން މަސް ދުވަހަށް މުސާރަ ވެސް ދޭނެ ކަމަށެވެ.