ފުވައްމުލަކުގައި ހަދަން ނިންމާފައިވާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައި އެވެ.
އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒަހީރު އަލީ އެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ފުވައްމުލަކުގެ ކައުންސިލަރުންނާއި އެކި އޮފީސްތަކުގެ މީހުން ބައިވެރިވި އެވެ.
ފުވައްމުލަކުގައި ހަދާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހަދަން ހަވާލުކޮށްފައި ވަނީ ރައިސާ ޕްރައިވެޓް ލިމިޓެޑާ އެވެ. އެގޮތުން އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 14 ގަ އެވެ.
ފުވައްމުލައްސިޓީގެ ޤުރްއާނާއި ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފައްޓަވައި ދެއްވައިފި. pic.twitter.com/XvaNbVOR9o
— Ministry of Islamic Affairs (@MVIaffairs) April 23, 2022
މަސައްކަތް ފަށާތާ އަހަރުތެރޭ ނިންމާ ގޮތަށް ދެ ބުރިއަށް ހަދާ މި މަރުކަޒަކީ ސަރުކާރުން 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ތަނެކެވެ. އެ އިމާރާތުގެ އެންމެ ތިރީގައި އޮޑިޓޯރިމަކާއި ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހުންނާނެ އެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި 30 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނެއް ވެސް ހުންނާނެ އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުގައި ހަދާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ މާލޭގައި ހިންގާ މަރުކަޒުގެ ގޮތްޕެއް ނޫން ކަމަށާއި މިއީ ހަމަ އެތަން ހިނގާ ގޮތަށް ވަކިން ހިނގާނެ ތަނެއް ކަމަށެވެ. އަދި ތަން ނިންމައި ބޭނުންކުރަން ފެށުމުން ޤުރުއާނުގެ އިލްމަށް ފުވައްމުލަކުގައި ކުރެވޭ މަސައްކަތްތައް އިތުރުވެ، ފުޅާވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް ހެދުމަކީ 2019 ގައި ފެށުނު މަސައްކަތެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ވިދާޅުވީ އެ ސިޓީގައި ހަދާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފެށިގެން ދިއުމަކީ ރައްޔިތުންގެ ދިގުލީ އިންތިޒާރީއެއްގެ ނިމުން ކަމަށެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންމަކީ ޒަމާނުއްސުރެ ވެސް ޤުރުއާނާ ވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ތަނަކަށްވުމާ އެކު އަލަށް ހެދޭ މަރުކަޒާ އެކު ޤުރުއާނުގެ އިލްމުން ކުރިއެރުންތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.