އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު 3-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު ލީގުގެ ހަތަރުވަނަ އަށް އާސެނަލް އަރައިފި އެވެ.
މި މޮޅާއެކު އާސެނަލް ލީގުގެ ހަތަރުވަނައިގައި އޮތީ 33 މެޗުން ލިބުނު 60 ޕޮއިންޓާ އެކު އެވެ. ހަތަރުވަނައިގައި 32 މެޗުން ލިބުނު 57 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު ޔުނައިޓެޑް އޮތީ 34 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.
އާސެނަލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން އެޓީމުގެ ކެޕްޓަން ހެރީ މެގުއާ ބާކީކޮށްފައިވާއިރު ފުރަތަމަ އެގާރައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރަފައެލް ވަރާން ވަނީ ހިމަނާފަ އެވެ. ނަމަވެސް މެޗު ތިންވަނަ މިނެޓްގައި އާސެނަލްގެ ޓަވަރޭސް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މިއީ ބުކާޔޯ ސަކާ އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާގެ އަތުގައި ޖެހިފައި ނިކުތުމުން ޓަވަރޭސް ޖެހި ގޯލެކެވެ.
މި ގޯލަށްފަހު ޔުނައިޓެޑުން އާސެނަލްގެ ފަހަތަށް ބާރުބޮޑު ކުރަމުންދަނިކޮށް މެޗުގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސަކާ ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ޕެނަލްޓީ އާސެނަލަށް ލިބުނީ ޔުނައިޓެޑްގެ ޑިފެންޑަރު ޓެލެސް އާސެނަލްގެ ފޯވާޑް އެންކެޓިއާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލު ކާމިޔާބުކުރިތާ ދެ މިނެޓްފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މިއީ ރޮނާލްޑޯ ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ގޯލެވެ.
އެއް ގޯލުގެ ލީޑެއްގައި އާސެނަލް އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 57 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބިފައިވެ އެވެ. ނަމަވެސް ބްރޫނޯ ފަނާންޑޭސް ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދަނިކޮށް މެޗުގެ 70 ވަނަ މިނެޓްގައި ގްރެނިޓް ޒަކާ ވަނީ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.
މިއީ 1981 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ލީގުގައި ރަށުން ބޭރުގައި ކުޅުނު މެޗުތަކުން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.