އައްޑޫގައި އިސްލާމީ މަރުކަޒެއް ހަދާ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު އައްޑޫގައި ބޭއްވި ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުމުގައި އެ ވާހަކަ އިއުލާންކުރެއްވީ އޭރުގެ އިސްލާމިކް މިނިސްޓަރު މަރުހޫމު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެވެ.
އޭރު ސަރުކާރުން ވިދާޅުވި ގޮތުގައި މާލޭގައި ހުރި ކަހަލަ އިސްލާމީ މަރުކަޒެއް ހަދަން ނިންމީ ހިތަދޫގަ އެވެ. އަދި އެކަމަށް ބިން ވެސް ހަމަޖެހިފައި އޮތް ވާހަކަ ވިދާޅުވި އެވެ. އެގޮތުން ހަމަޖެހުނު ބިމަކީ ހިތަދޫގައި ހުރި ގައުމީ ޔުނިވަސިޓީގެ ދަނާލާ ދިމާލުން އޮތް ބިން ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫގައި އިސްލާމީ މަރުކަޒަރެއް ހަދާ ވާހަކަ ދެކެވުނަސް ނަޝީދުގެ ވެރިކަން، ދައުރުގެ މާ ކުރިން ނިމުނީ ވެސް އެކަން ނުކުރެވި އެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ވެސް އައްޑޫގައި އިސްލާމީ މަރުކަޒައް ހެދުމުގެ ވާހަކަތަކެއް ވަރަށް ބޮޑަށް ދެކެވުނެވެ. އެ ސަރުކާރަށް އައްޑޫގައި އެކަން ނުކުރެވުނަސް ގދ. ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރި އެވެ.
އައްޑޫގައި އިސްލާމީ މަރުކަޒަޒެއް ބިނާކުރުމާ ބެހޭ ގޮތުން ޔާމީން ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޮގަސްޓް 12، 2014 ގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ އެ މަޝްރޫއަށް އޮތީ ބަޖެޓް ވެސް ހަމަޖެހިފައި ކަމަށާއި އެ އަހަރުގެ އެތަނުގެ އަމަލީ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހިތަދޫގައި ޒަމާނާ ގުޅޭ ބޮޑު މިސްކިތެއް ގާއިމު ކުރުމުގެ ތަސައްވަރެއް އެކުލަވާލައި، އެ ސީޓީގެ ކައުންސިލަށް ހުށައެޅުމުން، އެ ސިޓީގެ ރައްޔިތުންގެ އެދުމަކީ މިސްކިތުގެ ބަދަލުގައި އިސްލާމީ މަރުކަޒެއް އެޅުން ކަމަށެވެ.
"ކީރިތި ޤުރްއާނާއި އަދި އިމާމު ކޯހާއި ކަށުކަމާކެމި ފަދަ ކޯސްތައް ހިންގޭ ގޮތަށް ކްލާސްރޫމްތަކާއި ލައިބްރަރީއެއް ވެސް ހިމެނިގެން، އިސްލާމީ މަރުކަޒެއް ގާއިމުކުރުންކަމުގައި ހުށައެޅުމާ ގުޅިގެން، ރައްޔިތުންގެ ވިންދާ އެއްގޮތަށް އެ ތަސައްވުރަށް ބަދަލު ގެނެސް، އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ވަނީ ނިންމާފަ." ޝަހީމް ވިދާޅުވި އެވެ.
ޔާމީންގެ ފަހުން ދެން އައީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. އެ މަނިކުފާނު ވެސް އައްޑޫގެ އިސްލާމީ މަރުކަޒުގެ ވާހަކަ ވައުދެއްގެ ގޮތުގައި ދެއްކެވި އެވެ. އެގޮތުން 2019 ގައި އައްޑު އަށް ކުރެއްވި ދަތުރުގައި އެ އަހަރުގެ މާޗް 8 ވަނަ ދުވަހުގެ ރޭ މަރަދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އައްޑޫގައި އިސްލާމީ މަރުކަޒެއް ބިނާކުރާނެ ކަމަށެވެ.
ރައީސް ސޯލިހު އޭރު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ ދިރުވައި، ރައްޔިތުންގެ ހިތުގައި އިސްލާމީ ރިވެތި ސިފަތަށް އަށަގެންނެވުމަށް އައްޑޫގައި އިސްލާމިކް ސެންޓަރެއް ގާއިމުކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން އެއްފަހަރާ 2000 މީހުންނަށް ނަމާދުކުރެވޭނެ އިސްލާމީ މަރުކަޒެއް ބިނާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ސެންޓަރުގައި ދެހާސް މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮންފަރެންސް ވަސީލަތްތައް ވެސް ހިމެނޭނެ." ރައީސް ވިދާޅުވި އެވެ.
އޭރު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އައްޑޫގެ 68 ޕަސެންޓް ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވި ކަމަށާއި ކެމްޕޭންގައި ވެވަޑައިގަތް ވައުދުތަކާއި ރައްޔިތުންގެ މަތިން ހަނދާން ނައްތާ ނުލައްވާނެ ކަމަށެވެ.
"އައްޑޫ ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރު ނަގައެއް ނުލާނަން. އައްޑޫ ތަރައްޤީ ކުރުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން" ރައީސް ވިދާޅުވި އެވެ.

އެކަމަކު އެ ޔަގީންކަމުގެ ވާހަކަ މިދިޔަ މަހު އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގައި ރައީސް ސޯލިހު އެއްވެސް ވަރަކަށް ނުދައްކަވަ އެވެ. އައްޑޫގެ ތަރައްގީއާ ބެހޭ ގޮތުން އެ ދަތުރުގައި ދެއްކެވި އެއްވެސް ވާހަކައެއްގެ ތެރޭގައި ވެސް އިސްލާމީ މަރުކަޒުގެ ވާހަކައް ނުދައްކަވަ އެވެ. އެކަމަކު އަމިއްލަ ފަރާތަކުން އައްޑޫގައި ބިނާކުރި މިސްކިތެއް ރައީސް ހުޅުއްވައި ދެއްވި އެވެ.
އައްޑޫ އިސްލާމީ މަރުކަޒުގެ ވައުދުގެ މަތިން ރައީސް މިހާރު އެއްވެސް ވަރަކަށް ހަނދުމަފުޅު ނެތީ ކަމަށް ވެދާނެ އެވެ. އެކަމަކު އައްޑޫގައި ހަދަން އެކި ސަރުކާރުތަކުން ވައުދުވި އިސްލާމީ މަރުކަޒުގެ މަތިން އައްޑޫ ރައްޔިތުން ހަނދާނެއް ނުނެތެ އެވެ. އެހެންވެ އެއީ ވާނެ ކަމަށް އަދިވެސް ބަލަމާ ހިނގާށެވެ.