އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އަނެއްކާ ވެސް އިތުރު ޕެޓިޝަނެއްގައ ސޮއިކުރުމުގެ މަސައްކަޔް ފަށައިފި އެވެ.
މި ފަހަރު ޕެޓިޝަނަކީ އެ މައްސަލައިގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށް ބަންދުގައި 23 ދުވަސް ވަންދެން ބެހެއްޓުމަށް ފަހު ހެކި ނެތިގެން މިދިޔަ ހަފުތާގައި ދޫކޮށްލި 59 އަހަރުގެ އަންހެން މީހާގެ ދިފާއުގައި މަސައްކަތްކުރި މީހުން އިސްކޮށް ތިބެގެން ފެށި ޕެޓިޝަނެކެވެ. އިއްޔެ ހަވީރު އެ ޕެޓިޝަންގައި ސޮއިކުރަން ފެށުމާ އެކު މިހާތަނަށް 500 އެއްހާ މީހުން ސޮއިކޮށްފައިވެ އެވެ.
އެ ޕެޓިޝަނުގައި ގޮވާލަނީ ކުއްޖާ އަށް ޖިންސީ ގޯނާކުރި ހަގީގީ ކުށްވެރިޔާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.
ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކިޔަވާ ދަރިވަރަށް ޖިންސީ ގޯނާކުރި ކަމަށް މައްސަލަ ފެންމަތިވި ދަނޑިވަޅާ ދިމާކޮށް ވެސް އެ ވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި ޝަރަފުއްދީންގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ އަންހެން މީހާ ބަންދުގައި އެތައް ދުވަހަކު ބެހެއްޓުމަށް ފަހު މިދިޔަ އަންގާރަ ދުވަހުގެ ރޭ ދޫކުރީ ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ އެވެ.
ހަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދުވަސްވީ އަންހެނަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިދިޔަ މަހުގެ 25 ގަ އެވެ. އެ މައްސަލާގައި އަންހެން މީހާ ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް ހިތަދޫގައި މުޒާހަރާތަކެއް ވެސް ބޭއްވި އެވެ.