ރައްޔިތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (ޢެމްޑީޕީ)އަށް ކުރާ އިތުބާރު ގެއްލޭތީ ކަންބޮޑުވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ރ. އިނގުރައިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އެންމެ މުހިންމީ ޕާޓީގެ އަސާސްތަކާއި އުސޫލުތައް ދެމެހެއްޓުން ކަމަށެވެ.
"އަޅުގަނޑުމެން ކަންބޮޑުވަނީ، މިޕާޓީއަށް އޮތް އިތުބާރު ގެއްލެމުންދާތީވެ. އެހެންވީމަ އަޅުގަނޑުމެންނަށް މުހިންމީ މިޕާޓީގެ އަސާސްތައް އުސޫލުތައް ދެމެހެއްޓުން." އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ ވަޒީފާގެ ބިރުދެއްކުމަކީ އެމްޑީޕީ މުޅިން ދެކޮޅުކަމެއް ކަމަށާއި، އަދި ވަޒީރަކަށް ވޯޓު ނުދީފިނަމަ "ރަށް ފަޅުކުރާނަމޭ" ބުނުމަކީވެސް އެމްޑީޕީއާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ކަންކަން ކަމަށެވެ. މިފަދަ ކަންކަން ހިނގާނަމަ ޕާޓީގެ މެމްބަރުންގެ އަދި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުގެ އިތުބާރުވެސް ގެއްލޭނެ ކަމަށާއި އަދި އިތުބާރު ގެއްލިއްޖެނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ކިހިނެއްތޯ އިންތި ސުވާލު އުފެއްދެވިއެވެ.
އެމްޑީޕީއަށް ކޮންމެ ގޮތެއް ވިނަމަވެސް ވަރިހަމަ ބަޔަކު އެބަތިބިކަން ފާހަގަކޮށް އިންތި ވަނީ ޕާޓީ ސަލާމަތް ކުރަން ބޭނުން ކަމަށް ވިދާޅުވެފައެވެ. އަދި އަމާޒަކީ އެމްޑީޕީއަށް އޮތް އިތުބާރު އަނބުރާ ހޯދުން ކަމަށާއި، ޕާޓީ ދެފަޅިވިޔަނުދީ ހިފަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަ ވެފައިވާއިރު، އިންތި އަންނަނީ އަތޮޅަކަށްފަހު އަތޮޅަކަސް ކެމްޕޭންގައި ދަތުރުކުރަމުންނެވެ.