ދަރިންނަކީ މާތް ﷲ ގެ ދެއްވުމެކެވެ. ނިޢުމަތެކެވެ. ދަރިންގެ ނިޢުމަތަކީ ކޮބައިކަން ދަނެގަންނަން ބޭނުންނަމަ ދަރިން ނިޢުމަތުން މަޙްރޫމުވެފައިވާ މީހެއް ކައިރިން ސުވާލު ކުރައްވާށެވެ. އަސަރާއެކު އެފަދަ މީހެއް އޭނަގެ އުދާސްތައް ކިޔައިދޭނެކަން ކަށަވަރެވެ.
މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ދަރިން ދެއްވައެވެ. އަދި އިރާދަކުރައްވާ އަޅަކު އެކަމުން މަޙްރޫމު ކުރައްވައެވެ. އެކަމަށް އިޝާރާތްކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
ﱡﭐ ﲧ ﲨ ﲩ ﲪﲫ ﲬ ﲭ ﲮﲯ ﲰ ﲱ ﲲ ﲳ ﲴ ﲵ ﲶ ﲷ ﲸ ﲹ ﲺ ﲻ ﲼﲽ ﲾ ﲿ ﳀ ﳁﳂ ﳃ ﳄ ﳅ ﳆ ﱠ الشورى: ٤٩ – ٥٠
މާނައީ:" އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެން ދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެން ދަރިން ދެއްވަތެވެ. ނުވަތަ އެއުރެންނަށް ފިރިހެން ދަރިންނާއި، އަންހެން ދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު، ދަރިމައި ނުވާ މީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
މި ދެ އާޔަތުގެ ތަފްސީރުގައި "އަލްމުޙަރިރުލް ވަޖީޒު" ގައި އިމާމު އިބްނު ޢަޠިއްޔާ رحمه الله ވިދާޅުވެފައި ވެއެވެ. " ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުގައި (ދަރިންގެ ވާހަކަ ޒިކުރުކުރެއްވި ހިނދު) އަންހެން ދަރިން ފުރަތަމަ ގެންނެވީ އެކަނބަލުންނަށް ޝަރަފެއްގެ ގޮތުންނެވެ. އެ އަންހެން ދަރިންނާ ދޭތެރޭ ހެޔޮކޮށް ހިތައި އެ ކުދިންގެ ކަންތަކުގައި ފަރުވާތެރިވެ ރައްކައުތެރިވާންޖެހޭ މިންވަރު ބަޔާންކޮށްދެވުމުގެ ގޮތުންނެވެ."
އިޞްޙާޤު އިބްނު ބިޝްރު ވިދާޅުވެފައިވާ ގޮތުން، މި އާޔަތް ބާއްވައިލެއްވުނީ ނަބީބޭކަލުންނާ ބެހޭ ގޮތުންނެވެ. އަދި އެއަށް ފަހު މި އާޔަތަކީ ޢެންމެންގެ މައްޗަށް ޢާންމު އާޔަތެކެވެ. އެގޮތުން ދަރީން ލިބުމުގައި ހަތަރު ބަޔަކަށް ބެހިދާނެއެވެ. ލޫޠުގެފާނަށް ބަލާއިރު، އެކަލޭގެފާނަށް ލިބިލެއްވީ މުޅިން އަންހެން ދަރީންނެވެ. އިބްރާހީމުގެފާނަށް ލިބިލެއްވީ މުޅިން ފިރިހެން ދަރިންނެވެ. މާތް ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލަހި ވަސައްލަމް) އަށް ދެ ވައްތަރުގެ ދަރީން ލިބިލެއްވިއެވެ. ނަމަވެސް ޔަޙްޔާގެފާނު ހިމެނި ވަޑައިގެންނެވީ، އެއްވެސް ގޮތަކަށް ދަރިއަކު ލިބިނުލައްވާ ބޭކަލަކަށެވެ.
ދަރިންގެ ނިޢުމަތުގައި އެކިއެކި މީސްމީހުން ތަފާތުވެގެން ވާ ކަން އިސްވެ ދެންނެވުނު ނަބީބޭކަލުންގެ ސިޔަރަތަށް ނަޒަރު ހިންގާލީމައި ވެސް ވަރަށް ރަނގަޅަށް ހާމަވެގެން ދެ އެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ވެސް އިލާހީ އެތަކެއް ޙިކުމަތްތަކެއް ވާނެކަން ޔަޤީންވެގެން ދެއެވެ.
ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމަކީ، އެއީ ނިޢުމަތެއްކަމުގައި ވިޔަސް އަދި މުޞީބާތެއް ކަމުގައި ވިޔަސް، އެކަމުގައި އެކުލެވިގެންވާ އެންމެ އަސާސީ ޙިކުމަތަކީ، އެއީ އިމްތިޙާނެއް ކަމެވެ. އެގޮތުން ދަރިންގެ ނިޢުމަތަކީވެސް އިމްތިޙާނެއް ކަމާމެދަކު ޝައްކެއް ނެތެވެ.
ނޯޓު: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.