Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ލިވަޕޫލް ކުރިއަށް، އެވަޓަން ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންގެ މައްޗަށް 2-0 އިން ލިވަޕޫލުން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ 33 މެޗުން ލިބުނު 79 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 33 މެޗުން ލިބުނު 80 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. މިރޭގެ މެޗުން ބަލިވި އެވަޓަން މިހާރު އޮތީ 32 މެޗުން ލިބުނު 29 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ. އެވަޓަން ރެލިގޭޝަން ޒޯނަށް ވެއްޓުނީ މިރޭ ވުލްވްސްގެ މައްޗަށް ބާންލީން 1-0 އިން ކުރި ހޯދުމުންނެވެ. ބާންލީ މިހާރު އޮތީ 33 މެޗުން ލިބުނު 31 ޕޮއިންޓާއެކު ލީގުގެ 17 ވަނައިގަ އެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން މާ ރަނގަޅު ފުރުސަތުތަކެއް ވެސް ދެ ޓީމުން ކުރެ ޓީމަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.

އެވަޓަންގެ ފަރާތުން ވަރަށް ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 62 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ އެވަޓަންގެ ޑިފެންސް ފޫއަޅުވާލާފަ އެވެ. އެގޮތުން މުހައްމަދު ސަލާހު ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން ލިވަޕޫލަށް ލީޑު ނަގައިދިނީ އެޓީމުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން އެވެ.

މި ގޯލަށްފަހު ވެސް ލިވަޕޫލުން ދިޔައީ އެވަޓަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓްގައި ޑިވޮކް އޮރީގީ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. އޮރީގީ މި މެޗުގައި ކުޅެން އެރީ ދެވަނަ ހާފުގަ އެވެ.

މިއީ ލީގުގައި ބަލިނުވެ ލިވަޕޫލް އިން ފުރިހަމަ ކުރި 14 ވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ.