ޓްވިޓާގެ ހިއްސާތަކެއް ގަތުމަށް ފަހު، އެ ކުންފުނި އެއްކޮށް ގަންނަން ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ހުށަހެޅުމާ ގުޅިގެން ޓްވިޓާގެ ބޯޑުން އޭނާއާ ބައްދަލުކޮށް އެކަމާ ގުޅޭ ގޮތުން މަަޝްވަރާކޮށްފި އެވެ.
މި ހަފުތާ ބަންދުގައި ޓްވިޓާގެ 11 މެމްބަރުން ބޯޑުން އީލޮންއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން އަދިވެސް އަންނަނީ މަޝްވަރާކުރެވެމުންނެވެ.
ޓްވިޓާ ގަންނަން އީލޮން ހުށަހެޅީ މި މަހުގެ 14 ގަ އެވެ. އެއީ 43 ބިލިއަން ޑޮލަރަށެވެ. އޭގެ ކުރިން މި މަހުގެ ކިރީކޮޅު އީލޮން ވަނީ ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ 2.89 ބިލިއަން ޑޮލަރަށް ގަނެފަ އެވެ.
#Twitter begins negotiation talks with #ElonMusk after Tesla CEO woos shareholdershttps://t.co/1yrPaplJ91
— Jagran English (@JagranEnglish) April 25, 2022
ޓްވިޓާ ގަންނަން އީލޮން ހުށަހެޅުމާ ގުޅިގެން އެ ވިއްކުމަށް ހުރަސް އެޅޭ ގޮތަށް "ޕޮއިޒަން ބިލް" އެއް ޓްވިޓާގެ ބޯޑުން އެކުލަވާލި އެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް ދިން ޔަގީން ކަމަކީ ވަކި މީހެއްގެ މުށުތެރެއަށް ޓްވިޓާ ދިޔަނުދޭނެ ކަމެވެ.
ޓްވިޓާ ގަންނަން ހުށަހެޅުމެއް ފަހު މީގެ ހަފުތާއެއް ކުރިން އީލޮން ބުނީ އޭނާ އަށް ޓްވިޓާ ވިއްކައިފާނެކަމާ ދޭތެރޭ ޝައްކު ކަމަށެވެ. އަދި އެހެންވެއްޖެ ނަމަ ޕްލޭން ބީއެއް ވެސް އެބައޮތް ކަމަށާއި މިކަމަކީ ޓްވިޓާގައި އޮތް "ހިފަހެއްޓުންތައް" މިނިވަންކުރަން ޑިމޮކްރަސީ އަށްޓަކައި ކުރާ ކަމެއް ކަމަށް ބުންޏެވެ.
ޓްވިޓާ ގަންނަން އީލޮން ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން މަަޝްވަރާކުރި އިރު، ބައެއް މީޑިއާތަކުން ބުނީ އޭނާ ޓްވިޓާ ގަންނަން ހުށަހެޅީ އެމެރިކާގެ މަޝްހޫރު ބޭންކް، ސްޓޭންލީ މޯގަންއާ ވެސް ގުޅިގެން ފައިނޭންސްކުރާ ގޮތަށް ކަމަށެވެ. އަދި ޓްވިޓާ ގަންނަން އީލޮން ހުށަހެޅި އަގު އިތުރަށް ބޮޑުކޮށްދޭން ޓްވިޓާގެ ބޯޑުން އެދެފި ނަމަ އެކަން ވެސް ކުރަން އޭނާ ތައްޔާރަށެވެ.
އެހެންވެ މިކަމާ ގުޅިގެން ޓްވިޓާގެ ވަރަށް ގިނަ ހިއްސާދާރުން ޓްވިޓާ ވިއްކައިލުމާ މެދު ސީރިއަސްކޮށް ވިސްނަން ވެސް ބޯޑްގައި އެދިފައިވެ އެވެ.