ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފި އެވެ.
ލިންކް ރޯޑުން ކުނިކޮށި ސަރަހައްދުގައި ރޭ 12:00 ޖަހާ އެހާކަށްހާ އިރު، ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސ. މަރަދޫ، ގުލްފާމްގޭ، ހަސަން އަހުސަން، 24، އަށެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އަހުސަން ދުއްވި ސައިކަލް އޯވަޓޭކް ކުރަން އުޅެނިކޮށް އެހެން ދެ ސައިކަލެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި އަހުސަންގެ ކޮޑުކަށި ބިނިދިފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އަންނަ އިރު ހާލު ސީރިއަސް ނޫން ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
މި ހާދިސާގައި އަނެއް ދެ ސައިކަލްގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ފަޔަށް އަނިޔާވެފައިވާ އިރު ސީރިއަސް އިންޖަރީއެއް ނެތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ލިންކް ރޯޑްގެ ކުނި ކޮށި ސަރަހައްދަކީ އެންމެ ގިނައިން އެކްސިޑެންޓް ހިނގާ އެއް ސަރަހައްދެވެ.
ލިންކް ރޯޑުގެ އެކްސިިޑެންޓް މި ދުވަސްކޮޅު މަދު ނަމަވެސް އަދިވެސް ބާރު ސްޕީޑްގައި ދުއްވާ މީހުން ގިނަކަން ފާހަގަ ކުރެވެ އެވެ. އަދި ފުލުހުން އަންނަނީ ސްޕީޑް ކޮންޓްރޯލް ކުރުމަށް ގިނަ އޮޕަރޭޝަންތަކެއް ވެސް ހިންގަމުންނެވެ.