Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެކެވެ.

Muslim man is praying in mosque

އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއް ކަމާ މެދަކު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެ އެވެ. އެހެނީ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދީން ބާވައިލެއްވީ ޤިޔާމަތާ ޖެހެން ދެން އިންސާނާއަށް ހިދާޔަތާއި ތެދުމަގާއި ހެވާއި ނުބައި ވަކިކޮށްދެނިވި ޝަރީޢަތެއްގެ ގޮތުގަ އެވެ.

އެހެން ނުވާން ވީ އެއްވެސް ސަބަބެއް ނެތެވެ. މާތް ﷲއީ އެންމެ އޯގާވަންތަ އެންމެ ރަޙްމާންވަންތަ އިލާހެވެ. އެ އިލާހީ އަޅުގަނޑުމެންގެ އަޅުކަމަކަށް މުޙުތާޖުވެ ވޮޑިގެންވާ އިލާހެއް ނޫނެވެ. އިސްލާމްދީން، ދީނެއްގެ ގޮތުގައި އެ އިލާހު ރުއްސަވައި، ބާވައިލެއްވުމުގެ އިލާހީ މަޤްޞަދަކީ އިންސާނާއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމެވެ.

އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއް ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﱡﭐ … ﲛ ﲜ ﲝ ﲞ ﲟ ﲠ ﲡ… ﳄ ﱠ الحج: ٧٨ މާނައީ: " … އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ…" އަދި، ބައެއް ޙާލަތްތަކުގައި ވަކި ޙުކުމްފުޅަކަށް ޢަމަލުކުރަން މުސްލިމްއަޅާއަށް އުނދަގޫވެގެން ދާ ފަހަރުފަހަރު މާތް ﷲ ވަނީ އެފަދަ ޙުކުމްފުޅުތައް ވެސް ލުއިކޮށްދެއްވާފައެވެ. މިސާލަކަށް ބަލާ ނަމަ، ކާނެ އެއްޗެއް ނުލިބި ދެން ތިމާ ހަލާކު ވެދާނޭ ކަމަށް ހީވާ ހިސާބަށް މީހެއްގެ ޙާލަތު ގޮސްފިއްޔާ، އޭނައަށް ވަނީ ލިބުނު އެއްޗެއް ކެއުމުގެ ހުއްދަ ދެއްވައިފަ އެވެ.

އެއީ ޙަރާމް އެއްޗަކަށް ވިޔަސް ވެހެވެ. އެ ޙާލަތުގައި މުޅަމަސް ނޫން އެއްޗެއް ނެތިއްޖެއްޔާ، މުޅަމަސް ކެއުން ވެސް ވަނީ ހުއްދަ ކުރައްވާފައެވެ. އޫރުމަހާއި ރަލާ ނޫން އެއްޗެއް ނެތިއްޖެއްޔާ، އެ ވެސް ކެއުން ވަނީ ހުއްދަ ކުރައްވާފައެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ މިންވަރަށެވެ. މިއީ ކީރިތި ޤުރުއާނުގެ ނައްޞުތަކުން ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން އޮތް ޙަޤީޤަތެކެވެ. އަދި މިއީ އިސްލާމީ ޝަރީޢަތަކީ ކޮންމެ ޙާލަތަކަށް ވެސް ފެތޭ، ލުއިފަސޭހަ، އަދި ޢަމަލު ކުރުމަށް އެއްވެސް އުނދަގުލެއް ނެތް ޝަރީޢަތެއް ކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. އަލްއަންޢާމު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. ﭐﱡﭐ ﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱈ ﱉ ﱊ ﱋ ﱌ ﱍ ﱎ ﱏ ﱐ ﱑ ﱒ ﱓﱔ … ﱡ ﱠ الأنعام: ١١٩ މާނައީ: " ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމް ކުރެއްވި ތަކެތި، ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވާއިރު، އެ އެއްޗެއްގެ މައްޗަށް اللَّه ގެ އިސްމުފުޅު ނަންގަނެ ކަތިލާ ތަކެތިން، ތިޔަބައިމީހުން ނުކާންވީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ…"

މީގެ އިތުރުން ވެސް ވަކިވަކި އަޅުކަންތަކަށް ބަލާއިރު ވެސް ފެންނަނީ މިފަދަ އެތަކެއް މިސާލުތަކެވެ. ނަމާދުގެ މިސާލަށް ބައްލަވާށެވެ. ކޮޅަށް ނުހުރެވޭ މީހާ، އިށީނދެ އިނދެއެވެ. އިށީނދެ ނުއިނދެވޭ މީހާ އޮށޯވެ އެވެ. އެއްވެސް ޙަރަކާތެއް ނުކުރެވޭ މީހާ، އެ މީހާގެ ހިތުންނެވެ. ދަތުރުވެރިޔާއަށް ނަމާދު ޤަޞްރުޖަމްޢު ކުރުމުގެ ރުޚްޞަތު ވަނީ ދެއްވައިފަ އެވެ.

މިއަށް ވުރެ ވަކި ލުއިފަސޭހަ ދީނެއް އޮންނާނެތޯއެވެ؟ މިއަށް ވުރެ ވަކި ލުއި ފަސޭހަ ޝަރީޢަތެއް އޮންނާނެތޯއެވެ؟ އިސްވެ ދެންނެވުނީ އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމަށް ދަލާލަތުކޮށްދޭ ވަރަށް މަދު މިސާލުތަކެއްގެ ވާހަކައެވެ. ނަމަވެސް، ދީނީ އަޙްކާމުތަކަށް ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މިފަދަ ލުއިފަސޭހަކަމެވެ.

ނޯޓު: މިއީ ޝެއިހް ޝަފީއު އަބްދުﷲ ގެ ލިޔުއްވުމެކެވެ. ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަފީއުގެ މިފަދަ އާޓިކަލްތައް ކޮންމެ ދުވަހަކު ވެސް "އައްޑޫ ލައިވް" ގައި ގެނެސްދެވޭނެ އެވެ.