Last Updated: May 19, 18:46
Sunday, May 19, 2024
ޚަބަރު

ސަރުކާރާ ދެކޮޅަށް އެމްޑީޕީ މެމްބަރުން ތެދުވަން ޖެހޭ

މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އެމްޑީޕީ މެމްބަރުންނާއި މެދު އަމަލު ކުރަނީ ބޭއިންސާފުން ކަމަށާޢި، ސަރުކާރާއި ދެކޮޅަށް އެމްޑީޕީ މެމްބަރުން ތެދުވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮނޑޭ ވިދާޅުވީ ވެރިކަމަށް އެމްޑީޕީ އައީ ސަރުކާރުގެ 40 ޕަސެންޓު ލިބޭ ގޮތަށް ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އެމްޑީޕީއަށް އެމިންވަރު ނުލިބޭކަމަށް ބޮނޑޭ ވިދާޅުވިއެވެ.

ބޮނޑޭ ވިދާޅުވީ މިއަދު ސަރުކާރު ހިނގަމުން ދަނީ ޝެއިހް އިމްރާން އާއި ގާސިމް އިބްރާހިމް އާއި ރައީސް މައުމޫންކަމަށެވެ. އަދި ވެރިކަން ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވި އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ހުރީ އެކަހެރިކޮށްފައި ކަމަށެވެ. އަދި އެކަން އެމްޑީޕީ މެމްބަރުން ބަލައި ނުގަންނާނެކަމަށް ބޮނޑޭ ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ބޮނޑޭ ވިދާޅުވީ ސަރުކާރުން ކުރާހާ ކަންކަން އެމްޑީޕީން ސިއްރު ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ކިތަންމެ ބޭނުންވިއަސް އެމްޑީޕީ ގޭންގަކަށް ނެހެދޭނެކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މެމްބަރު އިމްތިޔާޒުއަށް ތާއިދު ކުރައްވާ ބޮނޑޭ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މެމްބަރުން ނިކުމެ އިންތި ހޮވައި ސަރުކާރަށް މެސެޖެއް ދޭން ޖެހޭ ކަމަށެވެ.

ސަރުކާރާއި ދެކޮޅަށް އެމްޑީޕީ މެމްބަރުން ތެދުވުމަށް ބޮނޑޭ ގޮވާލިއިރު މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ.

ޗެއާޕާސަން އިންތިހާބާއި ދިމާކޮށް އެމްޑީޕީގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްއަށް ރައސް ސޯލިހު ތާއިދު ކުރައްވާއިރު ރައީސް ނަޝީދު ހުންނެވީ އިންތިއަށް ތާއިދު ކުރައްވައިގެންނެވެ. ދެ ފަރާތުގެ ދެމެދުގައި އަންނަނީ ހޫނު ބަހުގެ ހަމަލށާތައް ބަދަލު ކުރަމުންނެވެ.