ތ. ވިލުފުށީ ކައުންސިލްގެ ހަރަދުގައި ހައްޖަށް ދާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ކައުންސިލުން ބުނީ އެތަނުގެ ހަރަދުގައި މި އަހަރު އެ ރަށުގެ އެކަކު ހައްޖަށް ފޮނުވަން ނިންމީ މި ހަފުތާގައި ބޭއްވި ކައުންސިލްގެ 94 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
އެހެންވެ ކައުންސިލްގެ ހަރަދުގައި ހައްޖަށް ދާން ޝައުރުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 19 އާ ހަމައަށް ހުޅުވާލައިފަ އެވެ.

ހައްޖަށް ފޮނުވާނެ މީހަކު ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއްކަމުގައި ނުވުމާއި ވިލުފުށީގެ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނޭ މީހެއްކަމުގައިވުމާއި އަމިއްލަ ޚަރަދުގައި ހައްޖަށް ދެވޭނެ ތަނަވަސްކަން ނެތް މީހެއް ކަމުގައިވުމާއި އުމުރުން 50 އަހަރު ފުރިފައިވާ މީހަކަށްވުމާއި އެހެންމީހެއްގެ އެހީއާ ނުލައި އަމިއްލައަށް އުޅެވޭ ފަދަ ސިއްހީ ހާލަތު ރަނގަޅު މީހަކަށްވުމުގެ އިތުރަށް ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުގީގެއްކުރެވެމުންދާ މީހަކަށް ނުވުމާއި ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒުކުރާ މީހަކަށް ނުވުން ހިމެނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ވިލުފުށީ ކައުންސިލްގެ ނަންބަރު 6780701 އިން ރަސްމީ ގަޑިތަކުގައި ހޯދޭނެ އެވެ.